މޮސްކޯ (އެޕްރީލް 20) : އުތުރުކޮރެޔާ އިން ރަޝިޔާއަށް ދައްކަން ޖެހޭ ދަރަނީގެ ފައިސާގެ ތެރެއިން 10 ބިލިޔަން އެމެރިކާ ޑޮލަރު މަޢާފްކޮށްދިނުމަށް ރަޝިޔާގެ ޕާލަމެންޓުން ނިންމައިފި އެވެ.

ރަޝިޔާގެ މާލީ ވަޒީރުގެ ނައިބު ސަރްގީ ސްތޮރްޗަކް ވިދާޅުވީ މިއީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުން ފެށިގެން އުތުރުކޮރެޔާ ދަރާފައިވާ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ކަމަށާއި މި 10 ބިލިޔަން ޑޮލަރު މައާފްކޮށްދިނުމަށް ފަހު މިއާއެއްވަރުގެ އިގްތިސާދީ އިންވެސްޓްމަންޓްތަކެއް އުތުރުކޮރެޔާއި ކުރުމަށް ރަޝިޔާ އިން ނިންމާފައިވާ ކަމުގަ އެވެ.

ސްތޮރްޗަކް ވިދާޅުވި ގޮތުގައި މި 10 ބިލިޔަން ޑޮލަރު މަޢާފްކޮށްދިނުމުން އުތުރުކޮރެޔާ އިން ރަޝިޔާ އަށް ދެން ދައްކަން ޖެހޭ ދަރަނީގެ ބާކީ އަކީ އެކެއް ޕޮއިންޓް ސުމެއް ނުވައެއް ބިލިޔަން ޑޮލަރެވެ. މިފައިސާ ކުރިޔަށް އޮތް ވިހި އަހަރު ތެރޭގައި އުތުރުކޮރެޔާ އިން ރަޝިޔާ އަށް ދައްކަމުން ގެންދަންޖެހޭ ގޮތަށް ލުއިކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އިގްތިސާދުތަކާ މުޅިން އެކަހެރިގޮތެއްގައި ހަރަކާތްތެރިވަމުންދާ އުތުރުކޮރެޔާއަކީ އެހެން ގައުމުތަކަށް ބަރޯސާނުކޮށް ހުރިހާ ކަމެއްގައި ވެސް އަމިއްލަ ނަފްސަށް އިއުތިމާދުކޮށްގެން އުޅޭ އެކަހެރި ގައުމެކެވެ. މި އެކަހެރި ކަމުގެ ފަހަތުގައި ވަނީ އެގައުމުގެ ޚުދުމުޚްތާރު ފަރުދީ ވެރިކަމުގެ ނިޒާމު ދެމެހެއްޓުމެވެ. އެހެންކަމުން މަސައްކަތްތެރި އަދި އިލްމީގޮތުން ފެންވަރު ރަނގަނޅު އަދި ހީވާގި އާބާދީއެއް އޮވެފައި އަސްކަރީގޮތުން ކުރިއަރާފައިވީ ނަމަވެސް އުތުރުކޮރެޔާއަކީ އެގައުމުގެ އެއްބަނޑުއެއްބަފާ ދެކުނު ކޮރެޔާއާ އަޅާބަލާ އިރު އިގްތިސާދީ ގޮތުން ވަރަށް ބަލިކަށި ގައުމެކެވެ.

އުތުރުކޮރެޔާ އިން ރަޝިޔާއަށް ދައްކަން ޖެހޭ ދަރަނީގެ މިހާބޮޑުބައެއް މަޢާފްކޮށްދިނުމަށް ރަޝިޔާގެ ޕާލަމެންޓްކަމަށްވާ ދޫމާ އިން ނިންމީ ދެކުނު ކޮރެޔާއާއި ރަޝިޔާއާ ދެމެދު ބިނާކުރުމަށް ހަމަޖެހިފައިވާ ގޭސް ހޮޅި އުތުރުކޮރެޔާގެ ބިން ހުރަސްކޮށް ގެންދަންޖެހޭތީ އުތުރުކޮރެޔާ ރުހުން ހޯދުމުގެ ގޮތުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެކުނު ކޮރެޔާއާއި ރަޝިޔާއާ ދެމެދު ގޭސްހޮޅިއެއް ބިނާކުރުމުގެ ބޭނުމަކީ ރަޝިޔާގެ ގޭހަށް އޭޝިޔާގެ ގައުމުތަކުން ބާޒާރު ހޯދުމަށް މަގުފަހިކުރުން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (އަލްޖަޒީރާ)