ކްލަބު މޯލްޑިވްސް ކަޕުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ރެކްރިއޭޝަން ކްލަބް (އެސްޓީއޯއާރުސީ) އަދި ކްލަބު އިމިގްރޭޝަނުން ކަށަވަރުކޮށްފި އެވެ.

ކުއާޓާގެ ޖާގައެއް އެމްޕީއެލް ކަށަވަރުކުރީ ގަދަ ސޯޅައިގައި ހައުސިންގް މިނިސްޓްރީ އަތުން 7-2 ލަނޑުން މޮޅުވެގެންނެވެ. އެމްއާރުޑީސީ އަށް ކުއާޓާގެ ޖާގައެއް ލިބުނީ 6-1 ލަނޑުން އެލައިޑް އަތުން ހޯދި މޮޅާއެކު އެވެ. މެޗުގެ މޮޅުގެ ކުޅުންތެރިއަކަށް ހޮވުނީ އެމްއާރުޑީސީގެ ގައުމީ ޓީމު ކުޅުންތެރިޔާ އިސްމާއިލް އީސާ (މެސީ) އެވެ.

އެސްޓީއޯ އިން ކުއާޓާގެ ޖާގައެއް ހޯދީ ގަދަ ސޯޅައިގައި ސިވިލް ކޯޓު އަތުން މޮޅުވެގެންނެވެ. އަދި އިމިގްރޭޝަނުން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ގަދަ ސޯޅައިގެ ފަހު މެޗުގައި ރައީސް އޮފީސް ސޯޝަލް ކްލަބު އަތުން މޮޅުވެގެންނެވެ.

މުބާރާތުގެ ކުއާޓާގެ މެޗުތައް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު ރޭ ކުޅޭ ކުއާޓާގެ ފުރަތަމަ މެޗުގައި އެފްއެސްއެމްއާ ދެކޮޅަށް ޕޮލިސް ކްލަބު ނުކުންނަ އިިރު، ދެވަނަ މެޗުގައި އެއާޕޯޓް ނުކުންނާނީ އެމްޓީސީސީއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި އެމްއާރުޑީސީއާ ދެެކޮޅަށް އެމްޕީއެލް ނުކުންނަ އިރު، ފަހު މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ އާއި އިމިގްރޭޝަނެވެ.