20 Apr 2014, 10:04
ޔުވެންޓަސްއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރުން ނުވަތަ ކުރިމަގާއި މެދު އެއްވެސް މީހަކާ ވާހަކަދައްކާފައި ނުވާނެ ކަމަށް އެ ކްލަބުގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ ބުނެފި އެވެ.
ދާދި ފަހުން އާންމުވެފައިވާ ރިޕޯޓްތަކުން ބުނާ ގޮތުގައި، މިހާރު ޕޮގްބާއާ އެކު ޔުވެންޓަސް އިން ހަދާފައިވާ އެއްބަސްވުން އާކުރަން އެ ކްލަބުން މަސައްކަތްކުރާ ކަމަށެވެ. ޔުވެންޓަސްއާ އެކު މިހާރު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2016 ވަނަ އަހަރު އެވެ. ފްރާންސްގެ މުއްސަނދި ކްލަބު ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ވެސް ޕޮގްބާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.
"އަހަރެން ވިއްކާ ނުލާށޭ ކިޔާފައި ސަޕޯޓަރުން ލަވަކިޔާތީ އުފާކުރަން،" ސްކައި ސްޕޯޓަށް ދިން އިންޓަވިއުއެއްގައި ޒުވާން މިޑްފީލްޑަރު ޕޮގްބާ ބުންޏެވެ. "އެކަމުގެ ސަބަބުން ދަނޑަށް ނުކުންނަ އިރު، އަހަރެންނަށް ބޮޑު ހިތްވަރެއް ލިބޭ. އަހަރެންގެ ކޮންޓްރެކްޓާ މެދު ނޫނީ ކުރިމަގާ މެދު އެއްވެސް މީހަކާ ވާހަކަ ދައްކާފައެއް ނުވާނެ،"
ޕޮގްބާ ބުނީ، ޔުވެންޓަސްގައި ކޮންމެ މަގާމަކަށް ކުޅުނު ކަމުގައިވީ ނަމަވެސް، އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށެވެ.
"ދަނޑުމަތީގައި އަހަރެން ކުޅެނީ އަހަރެން ބޭނުންވާ މަގާމަކަށް ނޫން. ނަމަވެސް އަހަރެންނަށް ހަވާލުކޮށްފައިވާ މަގާމަށް 100 ޕަސެންޓް ކުޅުން ދައްކާނަން،" އޭނާ ބުންޏެވެ. "ޓީމުގެ އެހެން ކުޅުންތެރިންނާއެކު، އަހަރެން ބޭނުމީ އިޓަލީ ލީގު ކާމިޔާބުކުރަން. މިހާރު އެކަން މިވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ،"
އިޓާލިއަން ސެރީއާގައި ޔުވެންޓަސް މިވަގުތު އޮތީ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އޭއެސް ރޯމާ އާއި ޔުވެންޓަސްއާ ދެމެދު އޮތީ އަށް ޕޮއިންޓްގެ ތަފާތެކެވެ.