20 Apr 2014, 09:56
އިނގިރޭސި ޕްރިމިއާ ލީގް ދިފާއުކުރުމަށް ޗެލްސީން ކުރަމުންއާ ފޮނި އުންމީދުތަކަށް ލީގުގެ އެންމެ ފުލުގައި އޮތް ސަންޑަލޭންޑުން ހުރަސް އަޅައިފި އެވެ.
ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީގެ އަމިއްލަ ދަނޑު (ސްޓެމްފަޑް ބްރިޖުގައި) ރޭ ސަންޑަލޭންޑު އަތުން ޗެލްސީ ބަލިވީ މެޗުގެ ކުރީ ކޮޅު ޗެލްސީން ލަނޑެއް ޖަހާ ލީޑް ނަގާފައި ވަނިކޮށެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-1 ލަނޑުން ސަންޑްލޭންޑް ކުރީގައި އޮވެގެންނެވެ. މިމެޗުން ޗެލްސީ ބަލިވުމުން އެޓީމުގެ ކޯޗް ހޯސޭ މޮރީނިއޯއަށް މަލާމަތުގެ ބަސްތައް ރައްދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ޗެލްސީން ޖެހީ މެޗުގެ 12 ވަނަ މިނެޓުގައި ކެމަރޫންގެ ފޯވާޑް ސެމިއުލް އެޓޫއެވެ. ނަމަވެސް އޭނގެ ހަ މިނެޓު ފަހުން މެޗް ބެލުމަށް ދަނޑަށް ވަދެ ތިބި، ޗެލްސީގެ ސަޕޯޓަރުންގެ އަޑު ހުއްޓުމަކަށް އައީ ސަންޑަލޭންޑުގެ ފޯވާޑް ކޮނޯ ވިކްހަމް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލުމުންނެވެ.
ރޭގެ މެޗުގައި ސަންޑަލޭންޑުން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ފަހުން ވެސް ޗެލްސީއަށް ލަނޑު ޖަހާނެ އެތައް ފުރުޞަތުތަކެއް ލިބިގެން ދިޔަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 ލަނޑުގެ ނަތީޖާއެއްގައި ދެ ޓީމް އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް ޗެލްސީއަށް ލަނޑުޖަހާ ނަތީޖާ ބަދަލުކޮށްލުމަށް ދެތިން ފުރުޞަތެއް ލިބުނު ކަމުގައި ވިޔަސް، އެ ފުރުޞަތުތަކަށް ހުރަސް އެޅުމުގައި ސަންޑަލޭންޑުގެ ކީޕަރު ވަރަށް ފުރިހަމައަށް ފާރަވެރިވެ، ޗެލްސީގެ ހަމަލަތައް ދިފާއު ކުރަމުން ދިޔައެވެ.
ޗެލްސީއަށް ނަތީޖާ ބަދަލު ކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ނުހިފުމުގެ ހިތި ފެނިގެން ދިޔައީ މެޗުގެ 82 ވަނަ މިނެޓްގައި ސަންޑަލޭންޑުން ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ލީޑު ނެގުމާއި ގުޅިގެންނެވެ. އެ ލަނޑަކީ ސަންޑަލޭންޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފަބިއޯ ބޮރީނީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. އެޕެނަލްޓީ ސަންޑަލޭންޑަށް ލިބުނީ އިދިކޮޅު ޗެލްސީ ޓީމުގެ ފުލްބެކް، ސަންޑަލޭންޑުގެ އަލްޓިޑޯއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ރޭގެ މެޗުން ޗެލްސީ ބަލިވުމުން ލީގުގައި އެ ޓީމް މިހާރު އޮތީ، މިހާތަނަށް ކުޅުނު 35 މެޗާއެކު ދެ ވަނަ މަގާމްގައި 75 ޕޮއިންޓާއެކު އެވެ. ލީގުގެ އެއް ވަނަ މަގާމްގައި އޮތީ ޗެލްސީއަށްވުރެ އެއް މެޗް މަދުން ކުޅެ، 77 ޕޮއިންޓު ހޯދައިފައިވާލިވަޕޫލެވެ. އަދި ރޭ ޗެލްސީ އަތުން މޮޅުވި ސަންޑަލޭންޑް އޮތީ 29 ޕޮއިންޓާއެކީ ލީގުގެ އެންމެ ފުލުގަ އެވެ. އަދި މި މޮޅަކީ ސަންޑަލޭންޑް ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްކަތައް ލިބުނު އިތުރު ހިތް ވަރެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. ލީގުގެ ތިން ވަނައިގައި 71 ޕޮއިންޓާ އެކު އޮތީ ދެ މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ފުލަމް އަތުން ޓޮޓެންހަމް މޮޅުވީ 3-1 ލަނޑުން ނެވެ. ސްވެންސީ އަތުން ނިއުކާސަލް ބަލިވެފައި ވަނީ 2-1 ލަނޑުންނެވެ. ވެސްޓްހާމް އަތުން ކްރިސްޓަލް ޕެލެސް މޮޅުވީ 0-1 ލަނޑުންނެވެ. އަދި އެސްޓަން ވިލާ އާއި ސައުތުހެޕްޓަން ބައްދަލުކުރި މެޗު ނިމުނީ ދެޓީމް ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.