އަރަބިއްޔާގެ ބިން ސަރުކާރަށް ނަގަން ނިންމައި ބަދަލުގައި ދޭން އުޅޭ ކުރީގެ އީޕީއޭސް ބިމަކީ "އެތައް ތަނަކުން" ކުޑަ ބިމެއް ކަމުން، އެ މައްސަލަ ކޯޓަށް ހުށަހަޅާ ގޮތަށް ނިންމާފައިވާ ކަމަށް އަރަބިއްޔާގެ ބެލެނެވެރިން ބުނެފި އެވެ.


އަރަބިއްޔާ މައްސަލާގައި ސްކޫލް ބޯޑުން ސަރުކާރާއެކު، ކުރި މަޝްވަރާތައް ނާކާމިޔާބު ވުމުން ސްކޫލްގެ ބެލެނެވެރިން އިސް ނަގައިގެން އެ މައްސަލަ ހައްލު ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު، ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ބެލެނެވެރިންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުއް ސަލާމް ދާއޫދު ވިދާޅުވީ އަރަބިއްޔާގެ ބިން ހޯދުމަށް ގާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތްތައްކެއް ކުރައްވާނެ ކަމަށެވެ. މައްސަލަ ކޯޓަށް ހުށަހެޅުމަށް ލޯފާމްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.


ބެލެނެވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަރަބިއްޔާ ސްކޫލް ބޯޑުގެ މެންބަރު އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ އަރަބިއްޔާ ބިމަކީ ކުރީގެ ސަރުކާރުން އެ ސްކޫލަށް ހިބަކޮށްދީފައިވާ ބިމެއް ކަމަށެވެ.


އޭނާ އަދި  ވިދާޅުވީ އެ ބިން ސަރުކާރަށް ނެގުމަށްފަހު، އަދުލުވެރި ބަދަލެއްގެ ގޮތުން އަރަބިއްޔާގެ ބިމަށް ވުރެ، ކުޑަ ނޫން ބިމެއް ސަރުކާރުން ސްކޫލަށް ދޭންޖެހޭނެ ކަމަށެވެ.


އަރަބިއްޔާގެ ބިމަކީ 16،500 އަކަ ފޫޓުގެ ބިމެއް ކަމަށާއި މިހާރު ސަރުކާރުން އަރަބިއްޔާއަށް ދޭން އުޅޭ ކުރީގެ އީޕީއެސްގެ ބިމަކީ 11،379 އަކަ ފޫޓުގެ ބިމެއް ކަމަށާއި އަރަބިއްޔާގެ ބިމާއި މިހާރު ދޭން އުޅޭ ބިމުގެ ފަރަގު 5،121 އަކަ ފޫޓުގެ ތާފަތު އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.


އަރަބިއްޔާ ސްކޫލް މިހާރު ވަގުތީ ގޮތުން ހިންގަމުންދާ މަންދު ކޮލެޖްގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އަރަބިއްޔާގެ ބިމާ ބެހޭ ގޮތުން ރޭ އޮތް ބައްދަލުވުމުގައި ބެލެނެވެރިން ތަފާތު ޝުއޫރު ފާޅުކޮށްފައިވެ އެވެ.