20 Apr 2014, 09:27
ލަންޑަން (އެޕްރީލް 20) : ސްރީލަންކާ އަށް ލިބެމުންދާ ބޭރުގެ އިންވެސްޓްމަންޓްތަކާއެކު އެގައުމުގެ އިގްތިސާދު ހަލުއިކަމާ އެކު ކުރިޔަށްދާކަމަށް ކަމާބެހޭ ފަންނީ ރިޕޯޓެއް ބުނެފި އެވެ.
އިނގިރޭސި ވިލާތުގައި ނުކުންނަ ވިޔަފާރިއާއި އިގްތިސާދާ އަދި މާލީކަންކަމަށް ޚާއްސަ ނޫހެއް ކަމަށްވާ "ދަ ފައިނޭންޝިއަލް ޓައިމްސް އޮފް ލަންޑަން"ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން ފާއިތުވެ ދިޔަ މާލީ އަހަރުގައި ސްރީލަންކާގެ އިޤްތިޞާދު 7.2 ޕަސެންޓްގެ މިންވަރެއްގައި ކުރިޔަށްގޮސްފައިވާ އިރު މިއަހަރު ފަސް ޕަސެންޓާއި 5.5 ޕަސެންޓްގައި އިގްތިސާދީ ކުރިއެރުމެއް ސްރީލަންކާ ޙާސިލްކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މިރިޕޯޓްގައި ސްރީލަންކާ ސިފަކޮށްފައި ވަނީ ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު ކުރިއަރަމުންއަންނަ އިގްތިސާދުތަކުގެ ތެރޭގަ އެވެ. މިގޮތުން އޭޝިޔާގެ ގައުމުތަކަށްބަލާ އިރު ސްރީލަންކާއަކީ ޗައިނާއަށް ފަހު އިގްތިސާދީ ގޮތުން އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެންމެ އުންމީދީ ޤައުމުކަމަށް މިރިޕޯޓްގައި ސިފަކޮށްފައިވެ އެވެ.
ދެހާސް ނުވަ ވަނަ އަހަރު ނިމިގެން ދިޔަ ސްރީލަންކާގެ ދާޚިލީ ހަނގުރާމައަށް ފަހު އެގައުމުގެ ސަރުކާރު ގެންދަނީ ހަނގުރާމައިގެ ދުވަސްވަރު ބަލިކަށިވެ އަދި ވީރާނާވެގެން ދިޔަ އެގައުމުގެ އުމްރާނީ ތަރައްގީގެ އޮނިގަނޑު އަލުން ބިނާކޮށް އާރާތު ކުރުމަށާއި އިގްތިސާދީ ކުރިއެރުން ޙާސިލް ކުރުމަށް ވަރަށް ބޮޑެތި އަދި އުންމީދީ މަޝްރޫޢުތަކެއް ތަންފީޒުކުރަމުންނެވެ. އެ މަޝްރޫޢުތަކާ އަދި ސްރީލަންކާ އަށް ލިބެމުންދާ ބޭރުގެ އިންވެސްޓްމަންޓްތަކާ އެކު ފާއިތުވި 2013 ވަނަ އަހަރު ސްރީލަންކާގެ ގައުމީ އާމްދަނީ އަށް ވަނީ އޭގެ ކުރީއަހަރާ އަޅާބަލާ އިރު 6.4 ބިލިޔަން ޑޮލަރުގެ ކުރިއެރުމެއް ޙާސިލްކޮށްފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ސްރީލަންކާގެ ގައުމީ އާމްދަނީ (ޖީޑީޕީ) އަކީ 59.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް 2013 ވަނަ އަހަރު ސްރީލަންކާގެ ގައުމީ އާމްދަނީ ވަނީ 65.9 ބިލިޔަން އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިފަ އެވެ. އަދި މިއަހަރު ނިމޭ އިރު ސްރީލަންކާގެ ގައުމީ އާމްދަނީ ގާތްގަނޑަކަށް 75 ބިލިޔަން ޑޮލަރަށް މައްޗަށްދާނެ ކަމަށް އިގްތިސާދީ ރިޕޯޓްތަކުގައި ލަފާކޮށްފައިވެ އެވެ.
ފާއިތުވި އަހަރު ސްރީލަންކާގެ އިޤްތިޞާދީ ކުރިއެރުމާއި ސިނާޢީ އަދި އެނޫންވެސް އުފެއްދުންތެރިކަމުގެ ނިޞްބަތް މައްޗަށް ދިޔުމާއެކު އިންފްލޭޝަން ރޭޓް ކޮންމެ ވެސް ވަރަކަށްމައްޗަށް ދިޔަނަމަވެސް އިޤްތިޞާދަށް ނުރައްކާވާމިންވަރަށް އިންފްލޭޝަން މައްޗަށް ދިޔަނުދީ ހިފެހެއްޓުމުގައި ސްރީލަންކާ ވަނީ ފާހަގަ ކުރެވޭފަދަ ކުރިއެރުންތަކެއް ހާސިލްކޮށްފަ އެވެ.
އިގްތިސާދު ކުރިއަރައިގެންދާ އިރު އިންފްލޭޝަން ވަކިވަރެއްގައި ހިފެހެއްޓިފައިވުމަކީ ސްރީލަންކާގެ އިގްތިސާދު ރަނގަނޅު މިސްރާބެއްގައި ކުރިޔަށްދާ ކަމުގެ ހެއްކެއްކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ޗައިނާއަށް ފަހު އޭޝިޔާގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިޔަށްދާނެ އުންމީދީ ގައުމުގެ ގޮތުގައި "ދަ ފައިނޭންޝިއަލް ޓައިމްސް އޮފް ލަންޑަން"ގެ ރިޕޯޓްގައި ސްރީލަންކާ ސިފަކޮށްފައިވަނީ ވެސް މިސަބަބުތަކާ ގުޅިގެން ކަމަށްވަނީ ބެލެވިފަ އެވެ.
އިގްތިސާދީ ރިޕޯޓްތައް ބުނާ ގޮތުންސްރީލަންކާގެ އަމިއްލަ އުފެއްދުންތެރިކަމުން ލިބިފައިވާ އާމްދަނީން 2013 ވަނަ އަހަރު އެގައުމުގެ ކޮންމެ ރައްޔިތެއްގެ ބޮލަށް(ޕާކެޕިޓާ ޖީޑީޕީ) ހަތަރު ހާސް އަށްސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު ޖެހިފައިވެ އެވެ. އަދިސްރީލަންކާގެ އިގްތިސާދީ ސެކްޓަރުތަކުގެ ތެރޭން ބައެއް ސެކްޓަރުތައް، ފާއިތުވެ ދިޔަ މާލީ އަހަރު އަށެއް ޕޮއިންޓް ތިނެއް އިން ސައްތައިގެ ކުރިއެރުންތައްވެސް ހޯދާފައިވެ އެވެ. (ރޮއިޓާސް)