20 Apr 2014, 02:05
ވ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ އަންބަރާގައި މަސްތުވެގެން ތިބެ "ޕާޓީކުރި" މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން 78 މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިދީފި އެވެ.
އެ މައްސަލައާ ގުޅިގެން ޖުމްލަ 79 މީހުން ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ އަންހެން ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރުމާ ބެހޭ މައުލުމާތު އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ގެންދިޔައީ 19 އަންހެނުންނެވެ.
އެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވި ގާނޫނީ ވަކީލަކު ވިދާޅުވީ 19 އަންހެނުންގެ ތެރެއިން ބައެއް މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ ކުޑަކަމުދާއެއްޗިހި ތަހުލީލު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަންހެން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ނިމުމުން ދެން ކޯޓަށް ގެންދިޔައީ 59 ފިރިހެނުންނެވެ. އެ މީހުން ކޯޓަށް ގެންދިޔައީ ތަފާތު އެކި ފަހަރުމަތިންނެވެ. އެމީހުންގެ ތެރެއިން ވެސް ބައެއް މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު ދެންތިބި މީހުން ޕޮޒިޓިވްނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ހައްޔަރު ކުރި ފިރިހެނުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ރޭ ގާތްގަނޑަކަށް 9:15 ހާއިރު ފެށި މަސައްކަތް ނިންމާލެވިފައި ވަނީ 1:00 ހާއިރު އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަންބަރާ އަށް ފުލުހުން ދިޔައިރު އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ބަރަހަނާކޮށެވެ. އަދި އެރަށުތެރެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ވެސް ފުލުހުންނަށް ވަނީ ފެނިފަ އެވެ.