އަންނަ މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕުގެ ކައުންޓްޑައުން ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ކުޅިވަރާ ބެހޭ މިނިސްޓްރީން އިސްނަގައިގެން ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ހަރަކާތްތަކަކާއެކު ރާއްޖޭގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތުގެ ކައުންޓްޑައުން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

މިރޭގެ ހަރަކާތްތައް ފެށުމުގެ ގޮތުން ފުރަތަމަ ކުރިއަށް ދިޔައީ، މިއުޒިކް ބޭންޑެއްގެ ހިތްގައިމު މިއުޒިކެކެވެ. އެއަށްފަހު ރަސްމީކޮށް ކައުންޓްޑައުން ފެށި، މިރޭގެ ހަރަކާތްތައް ނިމިގެންދިޔައީ ހަރުބީ ބޮޑުބެރު ގްރޫޕާއި ހަބޭސް ބޮޑުބެރު ގްރޫޕްގެ ހަރަކާތުންނެވެ. މި ހަރަކާތްތަކުގެ އިތުރުން ޗެލެންޖް ކަޕުގެ އޮފިޝަލް ލަވަ ވެސް މިރޭ ވަނީ ރިލީޒްކޮށްފަ އެވެ.

ޔޫތު މިނިސްޓަރު މަލީހުގެ އިތުރުން، މިރޭގެ ހަރަކާތްތަކުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަދި އެކި އިދާރާތަކުގެ އިސް ވެރިންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތައް ބައިވެރިވި އެވެ.

ކައުންޓްޑައުން ފެށުމުގެ ގޮތުން މިއަދު ހަވީރު ވެސް ހަރަކާތްތަކެއް ކުރިއަށް ދިޔަ އެވެ. އެގޮތުން މިއަދު ހަވީރު މާލޭގައި ސައިކަލު ބުރަކާއި ކާރު ބުރެއް ކުރިއަށް ގޮސްފައި ވެއެވެ.

ޗެލެންޖް ކަޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ފަލަސްތީނާއި ކިރްގިސްތާން އަދި މިޔަންމާ އެވެ. މި ގްރޫޕްގެ މެޗުތައް ކުރިއަށް ދާނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. ގްރޫޕް ބީގެ މެޗުތައް ކުރިއަށް ދާނީ އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ. މި ގްރޫޕްގައި ހިމެނެނީ ތުރުކުމެނިސްތާނާއި ފިލިޕީންސް އާއި އަފްގާނިސްތާނު އަދި ލާއޮސް އެވެ.