ނ. ވެލިދޫގައި ފަރުމަހަށް ގޮސް އުޅުނު 16 އަހަރުގެ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ނ. ވެލިދޫން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާ މޫދަށް ވެއްޓުނީ އޭނާ ދޫކޮށްގެން ހުރި ނަނުގައި މަހެއް ގަނެގެން ދުއްވައިގަތުމުން ކަމަށެވެ.

ފުލުހުން ބުނީ ނ. ވެލިދޫގައި އުމުރުން 16 އަހަރުގެ ކުއްޖަކު މޫދަށް ވެއްޓިގެން މަރުވި ކަމުގެ މައުލޫމާތު މިރޭ 8.30 އެހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ބުނީ އޭނާ ޑިންގީ އަކުން މޫދަށް ވެއްޓުނީ ޑިންގީއެއްގައި މަސްބާނަން ނުކުމެ އުޅެނިކޮށް ކަމަށެވެ.

" އެކުއްޖާ މޫދަށް ވެއްޓުނީ ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ. ދެން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ހުސައިން ވިދާޅުވީ ނިޔާވީ ނ. ވެލިދޫ މަގޫދޫގޭ މުހައްމަދު ނަވާލް ޝަރީފު ކަމަށެވެ. އެކުއްޖާ ނިޔާވީ ގެނބިގެން ކަމަށް ނުބެލެވޭ ކަމަށް އަސްމާ ވިދާޅުވިއެވެ.

" އޭނާއަށް ރަނގަޅަށް ފަތަން ދަންނަ ކުއްޖެއް، ޑޮކްޓަރު ވެސް ބޮޑަށް ބުރަވެލައްވަނީ ޝޮކެއް ޖެހިގެން ކަމަށް މޫދަށް ވެއްޓުނީ. ނަވާލްއާ އެކު ޑިންގީގައި ދެން ހުރީ 16 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ޒުވާނެއް. ނަވާލު ނެގީ 18 އަހަރުގެ ކުއްޖާ. އެކަމުގެ ތެރޭގައި އޭނާގެ އަތުގެ ހުޅުން ނައްޓައިގެން މިހާރު ވަނީ އުނގޫފާރަށް ގެންގޮސްފައި،" އަސްމާ ވިދާޅުވިއެވެ.

އޭނާ އަދި ވިދާޅުވީ ނިޔާވި ނަވާލްއަކީ ދެމަފިރިއެއްގެ ތިބި ދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާ ކަމަށެވެ.
" އެދެމަފިރިންގެ ދެން ހުންނާނީ ލޭއަޅާ އަންހެން ކުއްޖެއް. ނަވާލް މީ އެމީހުންގެ ހުރި ނޯމަލް ކުއްޖާ، " އޭނާ ވިދާޅުވިއެވެ.

އަސްމާ ވިދާޅުވީ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.