19 Apr 2014, 21:31
ވ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ އަންބަރާގައި ގިނަ ބަޔަކު އެއްވެގެން މަސްތުވާތަކެތި ބޭނުންކޮށް، "ޕާޓީކުރި" މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 79 މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފަށައިފި އެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ އަންބަރާގައި ޕާޓީކުރުމަށް ގާތްގަނޑަކަށް 200 ވަރަކަށް މީހުން ދިޔައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ފުލުުހުން ހައްޔަރުކޮށްފައިވަނީ، 79 މީހުންނެވެ.
ޖިނާއީ ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގު ސަރަހައްދުގައި ހަރަކާތްތެރިވާ "ސަން"ގެ ނޫސްވެރިން ބުނީ، ބަންދު ޖެހުމަށް ފުރަތަމަ ކޯޓަށް ހާޒިރުކޮށްފައި ވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަންހެނުންގެ ތެރެއިން ބައެއް ކަމަށެވެ.
ފުލުހުން މިރޭ ބުނީ، ވ. އަންބަރާގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު 79 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުންގެ އިތުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ. ހައްޔަރުކުރި ފިރިހެނުންގެ ތެރޭގައި ބިދޭސީއަކު ހިމެނޭ ކަމަށްވެސް ފުލުުހުން ބުންޏެވެ.
އަންބަރާއަށް ފުލުހުން ރޭ އެރީ ޕޮލިސް އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވ. އަންބަރާ އަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި 2004 އިން ފެށިގެން ލަންކާގެ "ޑްރީމް އޯޝަން" ކިޔާ ބަޔަކަަށް ދޫކޮށްފައިވާ ރަށެކެވެ.