26 Dec 2010, 13:01
ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ފޮނުވާފައިވާ ބަޖެޓުގައި ސާކް ސަމިޓަށް ހަރަދުކުރުމަށް ފައިސާ ހިމަނާފައި ވުމަކީ ދިވެހި ގައުމީ ޕާޓީން ދެކޮޅު ހަދާކަމެއް ނޫން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޑީއާރުޕީގެ ހިތަދޫ ގޮފިން ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށް ބަޖެޓުގައި ފައިސާ ހިމަނާފައި ވާތީ އެ ފައިސާ އުނިކޮށްދިނުމަށް ގޮވާލައި އިއްޔެ ނެރުނު ނޫސްބަޔާނަށް ރައްދު ދިނުމުގެ ގޮތުން ދިވެހި ގައުމީ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނަނީ އައްޑު އާއި ފުވައްމުލަކުގައި ސާކް ސަމިޓް ބޭއްވުމަށް ބަޖެޓުގައި އޮތް ފައިސާ އުނިކުރުމަކީ އެ ޕާޓީން ތާއީދު ކުރާ ކަމެއް ނޫން ކަމަށާއި ގައުމީ ޕާޓީން ބޭނުން ވަނީ އައްޑު އާއި ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާ ބެހިގެން ދާނެ ގޮތަކަށް އެ ފައިސާ ބަޖެޓުގައި ހިމެނުން ކަމަށެވެ.
"ދިވެހި ގައުމީ ޕާޓީއަކީ އަބަދުވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރާ ޕާޓީއެކެވެ. މިގޮތުން އެ 231 މިލިއަން ރުފިޔާ އައްޑޫގައި ސާކް ސަމިޓް ބޭއްވުމުގެ ނަމުގައި ވަކިބަޔެއްގެ ޖީބަށް ދާގޮތަށް އޮތުމުގެ ބަދަލުގައި އައްޑު އަތޮޅާއި ފުވައްމުލަކުގެ ރައްޔިތުންނަށް ސީދާ މަންފާކުރާނެ ގޮތަކަށް ހަމަޖެއްސުމަށް މިޕާޓީން ވަނީ މަސައްކަތްކޮށްފަ އެވެ." ދިވެހި ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
އިއްޔެ ޑީއާރުޕީގެ ހިތަދޫ ގޮފިން ނެރެފައިވާ ނޫސްބަޔާނުގައި ބުނަނީ ސާކް ސަމިޓަކީ އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ކަމަކަށް ވިއަސް، އަދި އެކަމަށް ބޮޑުހަރަދެއް ކުރިނަމަ ވެސް އެއީ އައްޑު އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ދާއިމީ ފައިދާއެއް ލިބޭނޭ ކަމެއް ނޫން ކަމަށާއި އެ ފައިސާ އައްޑު އަތޮޅުގެ މަގުތަކާއި ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ބަޖެޓުގައި ހިމެނުމަށް މަޖިލީހުގެ މެންބަރުންނަށް ވަނީ ގޮވައިލައިފަ އެވެ.
ޑީއާރުޕީގެ އެއް ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ މަޖިލީހުގެ ގެމަނަފުށީގެ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ ބަޖެޓުގައި އައްޑޫގައި ސާކު ސަމިޓް ބޭއްވުމަށް 231 މިލިއަން ރުފިޔާ ހިމަނާފައި ވުމާ ދެކޮޅު ހައްދަވައި އެ ފައިސާ މުޅި އެ އަތޮޅުގެ ރައްޔިތުންނަށް ބެހިގެންދާނެ އިގްތިސާދީ މަސައްކަތްތަކަށް ހޭދަކުރުމަށް ގޮވާލައިފަ އެވެ.
ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި ދަރުބާރުގެއެއް އެޅުމަށް ހަމައެކަނި 110 މިލިއަން ރުފިޔާ ހޭދަވާކަން ރައްޔިތުން މަޖިލީހުގެ ބަޖެޓުގެ ކޮމެޓީން އެދުނު އެދުމަށް ފިނޭންސް މިނިސްޓްރީން އެ ކޮމެޓީ އަށް ފޮނުވި ތަފްސީލް މައުލޫމާތު ޝީޓުން އެނގެއެވެ. އަދި އެ މައުލޫމާތު ޝީޓްގައި ވާގޮތުން އައްޑޫގައި ހަ ހެލިޕެޑް ހެދުމަށް ގާތްގަނޑަކަށް 0.5 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަދި ރަށުތެރެ ޒީނަތްތެރި ކުރުމާއި އެކޮމޮޑޭޝަންގެ ކަންކަމަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސާކު ސަމިޓްގެ އެސްޓިމޭޓްތަކުން ދައްކަ އެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓްގައި ސާކް ސަމިޓްގެ ހަރަދެއްގެ ގޮތުގައި 231.24 މިލިއަން ރުފިޔާ ހަރަދުކުރުމަށް ޖަހާފައިވެ އެވެ. އެހެންނަމަވެސް މާލިއްޔަތު ކޮމެޓީގެ އެދުމަށް ސަރުކާރުން ފޮނުވި މައުލޫމާތު ޝީޓުގައި ހެލިޕެޓްތައް މިހާރު ހަދާ ގޮތަށް ހަމަޖައްސާފައި ވަނީ ޝަންގުރިއްލާ އާއި ހެރެތެރެ ރިސޯޓުން ކަމަށް ބުނެފައިވެ އެވެ. އަދި ވެހިކަލް ވެސް އިތުރަށް ނުގަނެ ހުރި ވެހިކަލް ބޭނުންކުރާ ގޮތަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ޝީޓްގައިވެ އެވެ.
ގައުމީ ޕާޓީގެ އެ ބަޔާނުގައި އެ ޕާޓީން ވަނީ ސަރުކާރުން މިހާރު މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ކުރަން ރާވައިފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް ހިމަނާފައި ނުވާތީ އެ ތަފްސީލްތައް ހިމަނައި ދިނުމަށާއި ކޮރަޕްޝަނަށް މަގުފައި ނުވާނެ ފަދަ ގޮތަކަށް ބަޖެޓު އެކުލަވާލުމަށް ސަރުކާރަށް ގޮވައިލައިފަ އެވެ.
"މި ޕާޓީގެ ނައިބު ރައީސް އަދި ޕާލިމެންޓްރީ މެންބަރު ރިޔާޒް ރަޝީދު ބަޖެޓް ދިރާސާކުރާ ކޮމެޓީ ދޫކުރައްވާ ނިކުންނެވި ނިކުންނެވުމަކީ ވެސް ސަރުކާރު ޒިންމާދާރު ކުރުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ދަންނަވަމެވެ." އެ ބަޔާނުގައިވެ އެވެ.