19 Apr 2014, 19:59
ވ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ އަންބަރާގައި ގިނަ ބަޔަކު އެއްވެގެން މަސްތުވާތަކެތި ބޭނުންކޮށް، "ޕާޓީކުރި" މައްސަލައަކާ ގުޅިގެން 79 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އަންބަރާއަށް ގޮސް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ ޖުމްލަ 79 މީހުން ކަމަށާއި އެމީހުން ހައްޔަރު ކުރީ މަސްތުވާތަކެއްޗާއި ގިނައަދަދެއްގެ ފައިސާތަކާ އެކު ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 59 ފިރިހެނުންނާއި 19 އަންހެނުންގެ އިތުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރު ކުރި ފިރިހެނުންގެ ތެރޭގައި ބިދޭސީއަކު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެރަށުގައި ރޭ ހިންގި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.