އައްޑޫ ސިޓީގެ މަރަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުންު ދވަސްވީ މީހަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާއާ ގުޅިގެން އައިސީޔޫގައި ފަރުވާދެމުން އަންނަނީ ސ. މަރަދޫ ކާނޭޝަންގޭ އުމުރުން 69 އަހަރުގެ ހަސަން ނަސީރު އަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެކްސިޑެޓުވުމުގެ ސަބަބުން ހަސަން ނަސީރުގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށާއި އިތުރު ފަރުވާދިނުމަށް އޭނާ މާލެ ފޮނުވުމަށް ޑޮޓްކަރު ލަފާދީފައިވާ ކަމަށެވެ.

މަރަދޫން ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ނަސީރު ސައިކަލްގައި ގެއަށް ވަންނަނިކޮށް ހިތަދޫއާވީކޮޅަށް ބާރުސްޕީޑުގައި ދިޔަ ސައިކަލެއްގައި ޖެހިކަމަށެވެ.

ބާރުސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލްގައި އިން ޒުވާނާ އަށް ކުދިކުދި އަނިޔާވި ކަމަށާއި އެހެންނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް މަރަދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 57 އަހަރުގެ މީހަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.