19 Apr 2014, 17:48
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ކުޅިވަރާ ބެހޭ މިނިސްޓްރީން އިސްނަގައިގެން އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ އޮފިޝަލް ކައުންޓްޑައުންގެ ހަރަކާތްތައް މިއަދު ހަވީރު ފަށައިފި އެވެ.
ޗެލެންޖް ކަޕްގެ އޮފިޝަލް ކައުންޓްޑައުންގެ ހަރަކާތްތައް މިއަދު ހަވީރު ރަސްމީކޮށް ފަށާފައި ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ޖެހި ސައިކަލް ބުރަކުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން މޯލްޑިވްސް މޮޓޯ ރޭސިން އެސޯސިއޭޝަންގެ އިސްވެރިންނާއި އެފްއޭއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސައިކަލް ބުރު ނިއްމާލުމަށްފަހު ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، މިއީ މިފަދަ ބޮޑު މުބާރާތަކަށް ރާއްޖެއިން ތައްޔާރުވާ ފުރަތަމަ ފަހަރު ކަމަށްވީއިރު، ދާދިއަވަހަށް ކަނޑުމަގުން ވެސް މުބާރާތް ކައުންޓްޑައުން ކުރުމަށް ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި މުބާރާތް ފެށެންދެން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ ހަވީރު ސައިކަލް ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިރޭވެސް ރާޅުގަނޑު ސަރަހައްދުގައި މުބާރާތް ކައުންޓުޑައުން ފެށުމުގެ ގޮތުން ހާއްސަ މިއުޒިކް ޝޯ އެއް އޮންނާނެ ކަމަށާއި މި ޝޯގައި ޗެލެންޖް ކަޕުގެ އޮފިޝަލް ލަވަ ރިލީޒްކުރުން ވެސް އޮންނާނެ ކަމަށެވެ.
މިރޭ 9:00ގައި ފަށާ މި ޝޯ ގައި ހަބޭސް ބޮޑުބެރު ގްރޫޕާއި މަޝްހޫރު ބައެއް މިއުޒިކް ބޭންޑްތައް ބައިވެރިވާނެ ކަމަށް ކުލިވަރާ ބެހޭ މިނިސްޓުރީން މައުލޫމާތު ދެއެވެ.
ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.