19 Apr 2014, 17:30
މިއަހަރުގެ ތެރޭގައި ޖަޕާނުގެ ސަރުކާރުން ރާއްޖޭގެ ކުޅިވަރަށް ބޮޑު އެހީ ތެރިކަމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ އެކު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފު ނިއްމަވައިލެއްވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން މިނިސްޓަރު މުންދު ވިދާޅުވީ، ޖަޕާންގެ ސަރުކާރުން ރާއްޖޭގެ ކުޅިވަރު ދިރުވާ އާލާކުރުމަށް މިއަހަރުގެތެރޭގައި ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށާއި އެ ދަތުރުގެ ސަބަބުން ދިވެހި ކުޅިވަރަށް މުޅިންތަފާތު ތަރައްގީތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޖަޕާނުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ރާއްުޖޭގެ ފުޓްބޯޅައިގެ ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެމަޝްވަރާ ތަކުގެ ތެރޭގައި ކޯޗުންގެ އެހީތެރިކަމާއި ކައިރި މުސްތަގުބަލެއްގައި ކުޅިވަރުގެ ކުޅެން ބޭނުން ކުރާ އެކިއެކި ސަމާނުތައް ޖަޕާނުގެ ސަރުކާރުން ދާދިއަވަހަށް ދިވެހިންނަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ފުޓްބޯޅައަކީ ދިވެހިންގެ އެންމެ މަގްބޫލް ކުޅިވަރު ކަމަށްވާތީވެ، ފުޓްބޯޅައިގެ މަތީހަރުފަތައް ދިވެހިން ގެންގޮސްދިނުމުގައި ވެދެވެންހުރި ހުރިހާ އެހީއެއް ދިވެހި ސަރުކާރަށް ދެއްވާނެ ކަމަށް ޖަޕާންގެ ބޮޑު ވަޒީރު ވިދޅުވިކަމަށް ވެސް މިނިސްޓަރު މުންދު ވިދާޅުވިއެވެ.
"ޖަޕާނުގެ ސަރުކާރުން ދިވެހި ކުޅިވަރުަތައް ތަރައްގީ ކުރުމަށް ބޮޑު އެއްބާރުލުމެއްދޭނެ. މިދަތުރު ވަރަށް ކާމިޔާބު. ދާދި އަވަހަށް ކުޅިވަރުގެ އެކިއެކި ސާމާނުތައް ޖަޕާންގެ ސަރުކާރުން ދިވެހި ސަރުކާރަށް ފޯރިކޮސްދެއްވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 2020 ވަނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްއަށް އެގައުމު ތައްޔާރު ވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާއިރު، އެޕޮރޮގްރާމްގައި ރާއްޖެވެސް ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.