19 Apr 2014, 16:28
ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ބޯޓިން އެވޯޑްސް 2014 "ގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އެވޯޑަށް ހޮވޭ ފަރާތްތައް ހޮވުމަށްއޮންލައިންކޮށްވޯޓުދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކަނޑުތަދުތު ފަތުރުކުރާ އުޅަނދުފަހަރުގެ ސިނާއަތަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށްދޭ އެވޯޑުގެ އިވެންޓް މެނޭޖަރު "ސައުންޑް އެންޑް ލައިޓްސް" އިން ބުނީ، މިމަހުގެ 16 ވަނަ ދުވަހު އޮންލައިކޮށް ވޯޓުލުމަށް ހުޅުވައިލި ފުރުސަތު، އަންނަ މަހުގެ 10 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ބޯޓު ފަރުމާކުރާ މީހުންނާއި، ބޯޓު ބަންނަ މީހުންނާއި އަދި ބޯޓުގެ ފަޅުވެރިންގެ ތަފާތު ކެޓަގަރީ ތަކާއި ބޯޓުގައި ބޭނުންކުރާ އިންޖީނާއި އިންޝުއަރެންސް ކުންފުނިތަކާއި އަދިވެސް އެހެނިހެން ތަފާތު ގިނަ ކެޓަގަރީތަކެއް ހިމެނޭނެ ގޮތަށް ޖުމުލަ 26 ކެޓަގަރީއަކަށް އެވޯޑު ހުށަހެޅިފައި ވެއެވެ.
ސައުންޑް އެންޑް ލައިޓްސް އިން ބުނީ، "މޯލްޑިވްސް ބޯޓިން އެވޯޑްސް 2014 "ގެ އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 17 އިން 19 އަށް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް މެރިން އެކްސްޕޯ"ގެ ތެރޭގައި ކަމަށެވެ.
މި އެވޯޑުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވަނަތައް ކަނޑައަޅާނީ، ނޮމިނޭޓްވާ ފަރާތްތަކަށް 40 އިންސައްތައޮންލައިންކޮށްވޯޓުދީގެންނާއި އަދި އަނެއް 60 އިންސައްތަ ވޯޓު، އެކަމަށް ކަނޑައަޅާ ފަންނީ ޖަޖުންގެ ޕެނަލަކުން ދީގެން ނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވޭ ބޯޓިން އެވޯޑްގެ މެއިން ސްޕޮންސަރަކީ،ފްލޯޓިން އޭޝިއާއެވެ. އެސޯސިއޭޓެޑް ޕާޓްނަރުންގެ ތެރޭގައި، ވޮޔޭޖަސް މޯލްޑިވްސް، ވީއޭއެމް، ސީގަލް ގްރޫޕް، ޒޮންކް، އަދި ޕްރޯ ކެޕްޗާ ހިމެނޭއިރު އިވެންޓުގެ މީޑިއާ ޕާޓްނަރަކީ އެމްބީސީ އެވެ.