19 Apr 2014, 15:22
މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާ އިރު މި އަހަރުގެ މާޗްމަހު ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު 30 ޕަސެންޓް އިތުރުވެފައިވާ އިރު، ރާއްޖެ އިން މުދާ އެކްސްޕޯޓް ކުރި މިންވަރު 65 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު މި އަހަރުގެ ޖުލައި މަހު ވަނީ ދެ މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.
ހުސްވި މާޗް މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެއީ 36 ޕަސެންޓްއެވެ. ދެ ވަނައަށް އެންމެ ގިނައިން އެތެރެކުރީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ 18 ޕަސެންޓްއެވެ.
އެކްސްޕޯޓް ކުރި މިންވަރަށް ބަލާ އިރު، މިދިޔަ މާޗް މަހު 111 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރު އެމަހު ވަނީ 320 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.
މާޗްމަހު ކަސްޓަމްސް އަށް ޑިއުޓީއާއި އެހެނިހެން ގޮތްގޮތުން ލިބުނު އާނމްދަނީ ވަނީ 12 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު މާޗް މަހު 124 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު މިއަހަރު ވަނީ 139 މިލިއަން ރުފިޔާ ލިބިފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މާޗް މަހުގެ ނިޔަލަށް އިމްޕޯޓް 11 ޕަސެންޓް އިތުރުވެފައިވާއިރު އެކްސްޕޯޓްވަނީ 25 ޕަސެންޓް ދަށަށް ގޮސްފައެވެ. އަދި ކަސްޓަމުސްއަށް ލިބުނު އާމްދަނީ ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ.