ޕޯޓޯ އިން ލޯނުގެދަށުން އިންޓަމިލާނަށް ކުޅެމުންދާ ޕޯޗުގަލް ޑިފެން ރޮލާންޑޯ އެކްލަބުގައި މަޑުކުރަން ބޭނުންވާ ކަމުގައި އޭނާ ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ޕޯޗުގަލް ބައިނަލްއަގްވާމީ ކުޅުންތެރިޔާ ލޯނުގެ ދަށުން މިދިޔަ ސީޒަނުގެ ފަހު ކޮޅު ކުޅެފައި ވަނީ ނަޕޯލީ އަށެވެ. މި ސީޒަނުގައި ލޯނުގެ ދަށުން އިންޓަ އަށް ކުޅެމުންދާ ރޮލާންޑޯ އަކީ އެކްލަބުގެ ޑިފެންސް ލައިނުގައި އިސް ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ.

"މިސީޒަނުގައި އަހަރެންނަށް ދެއްކުނު ކުޅުމާއި މެދު މިހިރީ ހިތްހަމަ ޖެހިފަ،" އިންޓަގެ ޗެނަލް އަށް ދިން އިންޓަވިއުއެއްގައި ރޮލާންޑޯ ބުންޏެވެ. "ބައެއް މީހުން އަހަރެންގެ ކުޅުމާއި މެދު ޝައްކު ކުރި، ނަމަވެސް އަހަރެން ކުރިންސުރެ ހުނަރު ދެއްކިދާނެ ކަމަށް ގަބޫލުކުރިން. އަހަރެން ބޭނުމީ މި ކްލަބުގައި މަޑުކުރަން،"

އިޓަލިއަން ސެރީއާގައި މިރޭ ލީގުގެ ފަސްވަނައިގައި އޮތް އިންޓަމިލާން ނުކުންނާނީ ލީގުގެ ހަ ވަނައިގައި އޮތް ޕާމާއާ ދެކޮޅަށެވެ. ޕާމާގެ ދަނޑުގައި ކުޅޭ މިމެޗު ފެށޭނީ ރާއްޖެ ގަޑިން 18:00 ގައެވެ.