ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރާ 34 ދަނޑުގެ ތެރެއިން ބާކީ ހުރި 15 ދަނޑު ތަރައްގީ ކުރުމަށް ހަވާލުކުރާއިރު، އިސްކަމެއް ދޭނީ އަމިއްލަ ކުންފުނިތަކަށް ކަމުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން 19 ދަނޑު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

"އަޅުގަނޑު ހަމަ ދިވެހި ކޮންޓްރެކްޓަރުންނަށް ނޫނީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަންނަވާލަން ބެނުންވަނީ މިއަދު 19 ފުޓްސަލް ދަނޑެއް ގާއިމްކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކާ އަޅުގަނޑުމެން އެވޯޑް ކުރި ކަމުގައިވީ ނަމަވެސް ބާކީ ހުރި ދަނޑުތަކުގެ ޕްރޮޖެކްޓް އެވޯޑް ކުރުމުގަ އަޅުގަނޑުމެން އަމިއްލަ ކޮންޓްރަކްޝަން ކުންފުނިތަކަށް ހާއްސަ ސަމާލުކަމެއް ދޭނަން،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، 19 ދަނޑުގެ ޕްރޮޖެކްޓް ހަވާލުކުރުމުގައި ބޮޑަށް ބެލީ ރަށްރަށުގައި އެ މަސައްކަތް ފަސޭހަކަމާއެކު ކުރެވޭނެ ކުންފުނިތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ބެލީ މި ޕްރޮޖެކްޓަކީ ހަގީގަތުގަ ފުދޭވަރަކަށް ކެޕިޓަލް އިކުއިޕްމެންޓް، މިސާލަކަށް އެކްސްކެވޭޓަރު އަދި ލޯޑަރު ފަދަ ބޮޑެތި އިކުއިޕްމެންޓްތައް ބޭނުންވާ ޕްރޮޖެކްޓަތަކެއް. އެހެންވީމަ އާންމުގޮތެއްގަ ކުދި ކޮންޓްރެކްޓަރުންނަށް މިފަދަ ފަސޭހަކަމާއެކު ކުރުމަކީ ހާއްސަކޮށް އަތޮޅު ތެރޭގަ، އަތޮޅުތަކުގެ ބައެއް ކުދި ރަށްރަށުގަ ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވޭ،" އޭނާ ވިދާޅުވި އެވެ.