19 Apr 2014, 13:54
އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ކައުންޓްޑައުން ފެށުމުގެ ގޮތުން މިއަދު ހަވީރާއި މިރޭ ހާއްސަ ހަރާކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މުބާރާތުގެ ކައުންޓްޑައުން ފެށުމުގެ ގޮތުން މިއަދު ހަވީރު 16:30 ގައި ރާޅުގަނޑު ސަރަހައްދުގައި ސައިކަލް ބުރެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިރޭ 21:00 ގައި ލައިވް މިއުޒިކާއިއެކު ޝޯ ކުރިޔަށްދިޔުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި މުބާރާތުގެ އޮފިޝަލް ލަވަ ވެސް މިރޭގެ ޝޯގައި އާމުކުރުމަށް ވަނީ ނިންމާފަ އެވެ.
ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.