ވ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ އަންބަރާގައި ގިނަ ބަޔަކު އެއްވެގެން މަސްތުވާތަކެތި ބޭނުންކޮށް، "ޕާޓީކުރި" މައްސަލައަކާ ގުޅިގެން 200 މީހުންގެ ހަށިގަނޑު ފާސްކޮށް 50 އެއްހާ މީހުން ހައްޔަރުކޮށްފި އެވެ.

ސަންއަށް ކަށަވަރު ވެފައިވާ ގޮތުގައި ފުލުހުން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި އަންބަރާއަށް އަރައި އެރަށުގައި ތިބި 200 އެއްހާ މީހުންގެ ހަށިގަނޑު ބަލައި ފާސްކޮށް އޭގެ ތެރެއިން 50 ވަރަކަށް މީހުން ހައްޔަރުކޮށްފައި ވެއެވެ.

އަމްބަރާއަށް އެމީހުން ދިޔައީ "ބޫމް އޯޓީޔޫއެމް ފެސްޓިވަލް" ގެ ނަމުގައި ހަރަކާތެއް ހިންގުމަށް ކަމަށްވެސް ސަން އަށް މައުލޫމާތު ލިބިފައި ވެއެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އަންބަރާގައި އެމީހުން ބޭނުންކޮށްފައި ވަނީ މަސްތުވާ ހިކި ބާވަތްތަކެއް ކަމަށެވެ.

ހައްޔަރުކުރި މީހުންނާ ބެހޭ ގޮތުން، އަދި އެހާދިސާ އާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން ބުނީ "އެކަމާ ބެހޭ ގޮތުން ފުލުހުން އަދި ކޮމެންޓް ނުކުރާނެ" ކަމަށެވެ.

ސަން އަށް މަލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހިންގި މި ޚާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާ ތަކެތި އެ މީހުންގެ އަތުން ފެނުނު މީހުންނެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ ކަމަށް މައުލުމާތު ލިބެ އެވެ.

ދެންމެ ހަބަރު ލިބުނު ގޮތުގައި ހައްޔަރު ކުރި މީހުން މިއަދުގެ ވަގުތެއްގައި މާލެ އަށް ގެންނާނެ އެވެ.