19 Apr 2014, 13:08
ކޮމިޝަނާ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅެވޭ އިންޓަ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތް 15 ޓީމާއެކު މިއަދު ހަވީރު ފެށުމަށް ނިންމައިފި އެވެ.
އެއް އަހަރު ދުވަހުގެ މެނދުކެޑުމަކަށްފަހު މިއަދު ހަވީރު ވިލާ ކޮލެޖް ކުރިމަތީ އޮންނަ ހުސްބިމުގައި ފަށާ މިމުބާރާތުގައި ބައިވެރިވެފައިވާ 15 ޓީމުގެ ތެރޭގައި ހިމެނެނީ ފިރިހެން 12 ޓީމަކާއި އަންހެން ތިން ޓީމެކެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށްދާނީ، ބައިވެރިވި ޓީމްތައް ތިން ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމް ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ސެމީ ފައިނަލުން ހަތަރު ވަނަ ޓީމްގެ ގޮތުގައި ޖާގަ ލިބިގެންދާނީ ކޮންމެ ގުރޫޕެއްގެ ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމްތަކުގެ މެދުގައި ލީގު އުސޫލުން ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ ކުޅުން ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ ގޮތަށެވެ.
ސީޕީ ކަޕް ވޮލީ ބޯޅަ މުބާރާތަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވޮލީ ކުޅުމުގެ ފުރުސަތު ހޯދައިދީ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ޕޮލިސް ކުލަބުން ބައިވެރިވާ ވޮލީ މުބާރާތްތަކުގައި ކުލަބު ތަމްސީލު ކުރާނެ ހުނަރުވެރި ކުޅުންތެރިން އުފައްދައި އެކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.