19 Apr 2014, 12:48
ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާގެ ވާތު ފައިތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން އެއް މަސްދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
ބާސާއިން ނެރިފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ، ނޭމާއަށް އަނިޔާވީ މިދިޔަ ބުދަ ދުވަހުގެ ރޭ ކޮޕާ ޑެލްރޭ ފައިނަލް މެޗުގައި ރެއާލް އަތުން ބާސާ 2-1 ލަނޑުން ބަލިވި މެޗުގައި ކަމަށެވެ. އަދި އެމެޗުގައި ނޭމާގެ ވާތު ފަޔަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅުވާން މަހެއްހާ ދުވަސް ނަގާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން ސްޕެނިޝް ލީގުގައި ބާސާ ކުޅުމަށް ހަމަޖެހިފައިވާ ހަތަރު މެޗެއްގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ބާސާއިން ވަނީ ބުނެފަ އެވެ. އަދި ނޭމާގެ އިތުރުން ބާސާގެ ފުލްބެކް އަލްބާއަށް އެމެޗުގައި އަނިޔާވެފައި ވުމުން ކުރިއަށް އޮތް ތިން ހަފުތާ ވަންދެން އޭނާއަށް ވެސް ނުކުޅެވޭނެ ކަމަށް ބުނެފައި ވެއެވެ.
ސްޕެނިސް ލީގުގައި ބާސާ އެންމެ އަވަހަށް ވެސް ދެން މެޗެއް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ގައި ލީގުގެ ހަތަރު ވަނަ މަގާމްގައި 62 ޕޮއިންޓާއެކު އޮތް އެތުލެޓިކް ކުލަބާ ދެކޮޅަށެވެ.
ސްޕެނިސް ލީގުގައި މިހާތަނަށް ބާސާއިން 33 މެޗް ކުޅެފައި ވާއިރު، ބަކީ ލީގުގައި އެޓީމަށް އޮތީ އެންމެ ފަސް މެޗެެވެ. ލީގުގުގައި ބާސާ އޮތީ 78 ޕޮއިންޓާއެކު ތިން ވަނަ މަގާމްގައެވެ.