ދައުލަތުގެ މާލިއްޔަތު ގާނޫނު ބުނާގޮތަށް އޮފީސްތަކުން އޮޑިޓާ ޖެނެރަލް އޮފީހަށް ހުށައަޅަން ޖެހޭ އަހަރީ ރިޕޯޓް ހުށައަޅާފައިނުވާ އޮފިސްތަކުގެ ނަންތައް އާންމުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ އެ ލިސްޓްގައި ވަނީ 31 މާޗްގެ ކުރިން އަހަރީ ރިޕޯޓް ހުށަހަޅާފައި ވީނަމަވެސް އަހަރީ ރިޕޯޓުގައި ހިމަނަންވާނެ ކަމަށް މާލިއްޔަތު ގާނޫނުގައި ކަނޑައަޅާފައިވާ މައުލޫމާތު ހިމަނާފައިނުވާ އޮފީސްތަކުގެ ނަންތަކާވެސް އެކުއެވެ.

އޮޑިޓް އޮފީހުގެވެބްސައިޓްގައިވާ އެލިސްޓުގައި389 އޮފީހެއްގެ ނަން ވަނީ ހިމަނާފައެވެ.

މައުލޫމާތު ނުލިބޭ އޮފީސްތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ގިނަ ކައުންސިލްތައް ވެސް ހިމެނެއެވެ. އަދި ސަރުކާރުގެ ގިނަ މިނިސްޓްރީތަކެއްވެސް ހިމެނެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހަށް ހުށައަޅަން ޖެހޭ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ގިނަ އޮފީސްތަކެއްގެ ނަންތައް އާންމު ކޮށްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވަނީ، އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރުމަށް އެއްބާރުލުން ނުދޭ ދައުލަތުގެ ބައެއް މުއައްސަސާތައް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.