19 Apr 2014, 12:22
ދިވެހި ރެޑްކްރެސެންޓް ޖަމާއަތުގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނުހޯދުމަށް އެޖަމާއަތުގެ މެމްބަރުންނަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
މިނިސްޓަރު އަމީން މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ރެޑްކްރެސެންޓް ޖަމާއަތުގެ ހަވަނަ އަހަރީ އާއްމު ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައެވެ.
" އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ މަސައްކަތުގައި އުޅޭއިރު ސިޔާސީ ފައިދާއެއް ހޯދުމަށް އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރުމަށް އަޅުގަނޑު ހަނދާންކޮށް ދެން. އެފަދަ ކަމެއް ވެއްޖެ ނަމަ އެއީ ދިވެހި ރެޑްކްރެސެންޓާ މެދު އާއްމުންގެ ހިތްތަކުގައި އުފެދިފައިވާ އިތުބާރު ގެއްލި، މުޅި ޖަމާއަތުގެ ނަން ކިލަނބުވެދާނެ ފަދަ ކަމެއް. އެފަދަ ކަމަށް އެއްވެސް ދަރުމަވެރިއަކު ފުރުސަތު ނުދިނުމަށް ގޮވައިލަން،" އަމީން ވިދާޅުވިއެވެ.
ގާނޫނު ނަމްބަރު 2009/7ގެ ދަށުން ފުރިހަމަ ގާނޫނީ ހައިސިއްޔަތު ލިބިގެން ދިވެހި ރެޑްކްރެސެންޓް އުފެއްދީ 16 އޯގަސްޓް 2009 ގައެވެ. އެޖަމިއްޔާގެ އަސާސީ މަގުސަދަކީ ހާލުގައި ޖެހޭ މީހުންނާއި ނާޒުކު، ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްތަގިއްލުކަމާ އެކު މަސައްކަތް ކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމެވެ.