19 Apr 2014, 12:16
ސްޕެނިޝް ލީގުގައި ރޭ އެލްޗޭ އަތުން 2-0 ލަނޑުން މެޗް ކާމިޔާބުކޮށް ލީގުގެ އެއް ވަނަ މަގާމްގައި އެތުލެޓިކޯ މެޑްރިޑް ހަމަޖެހިލައިފި އެވެ.
ރޭގެ މޮޅާއެކު ލީގުގެ އެއް ވަނަ މަގާމްގައި އެލުތެޓިކޯ އޮތީ މިހާތަނަށް ކުޅުނު 34 ހަތަރު މެޗުން ލިބުނު 85 ޕޮއިންޓާއެކު އެވެ. އެހެން ކަމުން ލީގުގެ އެއްވަނަ މަގާމްގައި އެތުލެޓީކޯ ހަމަޖެހިލައިގެން އޮތީ ހަ ޕޮއިންޓުގެ ލީޑަކާއެކު އެވެ. ލީގުގެ ދެ ވަނަ މަގާމްގައި އޮތީ މިހާތަނަށް 33 މެޗް ކުޅެ، 79 ޕޮއިންޓު ލިބިފައިވާ ރެއާލް މެޑްރިޑެވެ. އަދި ރޭ އެތުލެޓިކޯ އަތުން ބަލިވި އެލްޗޭ އޮތީ 35 ޕޮއިންޓާއެކު 15 ވަނަ މަގާމްގައެވެ.
އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 72 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު މިރާންޑާ އެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަ ލަނޑު އެލްޗޭ ކޮޅަށް އެތުލެޓިކޯ މެޑްރިޑުން ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލްގެ ފޯވާޑް ޑިއޭގޯ ކޯސްޓާ އެވެ.
ސްޕެނިޝް ލީގުގައި މިރޭވެސް ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން 7:00ގައި ބައްދަލުކުރާނީ އޮސަސޫނާ އާއި ވެލެންސިއާ އެވެ. ދެ ވަނަ މެޗުގައި ރާއްޖެ ގަޑިން 9:00ގައި ބައްދަލު ކުރާ ދެޓީމަކީ ލެވަންޓޭ އާއި ގެޓަފޭ އެވެ. އަދި މިރޭގެ ތިން ވަނަ މެޗުގައި މިރޭ 11 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ރެއާލް ސޮސައިޑާޑް އާއި އެސްޕެންޔޯލް އެވެ.