ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން ނިންމާފައިވާ ޖުމްލަ 34 ދަނޑުގެ ތެރެއިން 15 ދަނޑު ތަރައްގީ ކުރުމަށް އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

އެ ދަނޑުތައް ތަރައްގީ ކުރުމަށް އަންނަ ހަފްތާ އިއުލާން ކުރައްވާނެ ކަމަށް މަލީހު ވިދާޅުވީ، 19 ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

"ބާކީ ހުރި 15 ދަނޑެއް އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި ރާއްޖޭގެ އާބާދީގެ 2000 އިން މަތީގެ ކޮންމެ ރަށެއްގައި ސްޕޯޓްސް އެރީނާއެއް ގާއިމްކުރުން. އެގޮތުން އިއުލާން ނުކުރެވި ހުރި 15 ދަނޑެއްގެ އިއުލާން އަޅުގަނޑުމެން މި އަންނަ ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވައިލާނަން،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު މަލީގު ވިދާޅުވީ، ހުރިހާ ދަނޑެއްގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށާއި މިކަމަކީ ރައީސް ޔާމީންގެ ވައުދުފުޅެއް ކަމަށެވެ.

"ޖުމްލަ 34 ނުވަތަ 35 ވަރަކަށް ދަނޑު ގާއިމްކުރުމުގެ މަސައްކަތް އަމަލީ ގޮތުން މި އަހަރު ފެށިގެންދާނެ. އާދެ އަޅުގަނޑު ހާމަކޮށްލަން ބޭނުންވާ ނުކުތާއަކީ އަޅުގަނޑުމެން ރިޔާސީ ކެމްޕޭނުގައި ހާއްސަ ގޮތެއްގައި މިއަދުގެ ރައީސް، ރައީސް ޔާމީން ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދިޔައިރު ވިދާޅުވި ތިމަންމަނިކުފާނުގެ އެޖެންޑާއަކީ ޔެސް ކެމްޕޭނެކޭ ނުވަތަ ޔެސް އެޖެންޑާއެކޭ. އޭގަ މި ހިމެނޭ އެންމެ މުހިންމު ނުކުތާއަކީ ޔޫތު އިކޮނޮމީ އަދި އޭގެ އިތުރުން ހޯޕް،" އޭނާ ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު ވިދާޅުވީ، ދަނޑުތައް ތަރައްގީ ކުރުމަށް ސޮއިކުރެވިގެން ދިއުމަކީ ޒުވާނުންނަށް ރަނގަޅު ތަސައްވުރެއް ކަމަށާއި އަދި ރަނގަޅު އެޖެންޑާއެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ޒުވާނުންނަށް ރާއްޖޭގެ ތާރީހުގައި ވެސް ގެނެސްދެވިފަ ނުވާ ފަދަ މުހިންމު ވަރުގަދަ އެޖެންޑާ އަކާ އެއްކޮށްނޭ މި ސަރުކާރު އައީ. މިއަދު ސޮއިކުރެވިގެން މިދިޔަ ދަނޑުތަކާ އެކު، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހަމަ ހަގީގަތުގަ ވެސް ޒުވާނުންނަށް މިއަށްވުރެ ރަނގަޅު ތަސައްވުރެއް، މިއަށްވުރެ ރަނގަޅު އެޖެންޑާއެއް ތަންފީޒު ވެގެންދާ ތަން،" އޭނާ ވިދާޅުވި އެވެ.

މިހުރިހާ ކަމެއް ފަހިކޮށްދިނުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމާއެކު ޒުވާނުންނާއި ކުޅިވަރަށް އޮތް ބަޖެޓް ފަސް ގުނައަށް އިތުރުކޮށް، 60 މިލިއަން ރުފިޔާގަ އޮތް ބަޖެޓެއް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަށް އިތުރުކޮށްދެއްވި ކަމަށްޓަކައި ރައީސް އަށް ދިވެހި އެންމެހާ ޒުވާނުންގެ ނަމުގަ އާއި އެންމެހާ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ ނަމުގައި މަލީހު ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްދެއްވި އެވެ.