19 Apr 2014, 11:07
ލަންޑަން (އެޕްރީލް 19): ކާއިރު ލޮނު މަދުކުރުމަށް ނަސޭހަތްތެރިވެ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން އިނގިރޭސިވިލާތުގައި ހިންގަމުން ގެންދިޔަ ސިއްޙީ ހޭލުންތެރިކަމުގެ ފްރޮގްރާމުގެ ސަބަބުން ސިކުނޑިއަށް ސްޓްރޯކް ޖެހޭމީހުންނާއި ހާޓްއެޓޭކް ޖެހޭމީހުންގެ ނިސްބަތް މަދުވެއްޖެކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެއެވެ.
ދާ ގާޑިޔަން ނޫހުގައި ޝާއިއުކޮށްފައިވާ މިދިރާސާގެ ރިޕޯޓް ބުނާގޮތުން 2003 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު ސިކުނޑިއަށް ސްޓްރޯކް ޖެހޭމީހުންގެ ނިސްބަތް 42 އިންސައްތައަށް ދަށަށްގޮސް ހާޓްއެޓޭކް ޖެހޭމީހުންގެ ނިސްބަތް 40 އިންސައްތައަށް ވަނީ ދަށަށް ގޮސްފައެވެ.
ލޮނު މަދުކުރުމަށް ހިންގި ހޭލުންތެރިކުރުމުގެ މިޕްރޮގްރާމުގެ ސަބަބުން އިނގިރޭސިވިލާތުގައި ލޮނު ބޭނުންކުރާ މިންވަރު 15 އިންސައްތައަށް ދަށަށް ގޮސްފައިވާކަން އެހެން ސާވޭއަކުން ހާމަވެފައިވެއެވެ. ހަމަ މިއާއެކު ލޭމައްޗަށްދާ މީހުންގެ ނިސްބަތްވެސް މީގެ 10 އަހަރު ކުރިއާ އަޅާބަލާއިރު ދަށަށް ގޮސްފައިވާކަން ސިއްހަތާބެހޭ ރެކޯޑްތަކުން ހާމަވެފައިވާ ކަމަށްވެސް މިދިރާސާ ކުރުމުގައި ހަރަކާތްތެރިވި ބާހިސުން ބުނެފައިވެއެވެ.
އިނގިރޭސި ރައްޔިތުންގެ މެދުގައި ލޭ މައްޗަށް ދިޔުމާއި ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކް ޖެހުންފަދަ ހިތާއި ނާރުތަކުގެ ބަލިތައް ބޮޑު މައްސަލައެއްގެ ގޮތުގައި ފާޅުވާން ފަށާފައިވަނީ 1971 ހިސާބުންނެވެ. 1971 ވަނަ އަހަރަށްފަހު ލޭމައްޗަށްދާ މީހުންގެ ނިސްބަތް އިނގިރޭސިވިލާތުގެ ދަށަށްދާކަން ދިރާސާއަކުން އެންމެ ފުރަތަމަ ހާމަވެފައިވަނީ ލޮނު މަދުކުރުމަށް ހިންގި ޕްރޮގްރާމަށްފަހު 2003 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު މިކަމާބެހޭގޮތުން ކުރި ދިރާސާއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކެއުމަށް ބޭނުންކުރާ ލޮނު މަދުކުރުމަށްޓަކައި ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް އެމެރިކާގެ ސްޓޭޓްތަކުގައިވެސް ގެންދަނީ ހިންގަމުންނެވެ. މިއާއެކު ލޭމައްޗަށްދާ މީހުންގެ ނިސްބަތާއި ސިކުޑިއަށް ސްޓްރޯކް ޖެހޭމީހުންނާއި ހާޓްއެޓޭކް ޖެހޭމީހުންގެ ނިސްބަތް އެމެރިކާގައިވެސް ދަށަށްދާކަން އެކިއެކި މެޑިކަލް ސާވޭތަކުން ވަނީ ހާމަވެފައެވެ. (ދަ ގާޑިޔަން)