އަރަބިއްޔާ ސްކޫލުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަސައްކަތް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް [އެޗްއާރުސީއެމް] އިން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.


އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް އަހުމަދު ރިލްވާން މިއަދު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ކުދިންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާގުޅިގެން އެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަމިއްލަ ފަރާތަކުން ވެސް އަރަބިއްޔާ ސްކޫލުގެ މައްސަލަ އެޗްއާރުސީއެމް އަށް ހުށަހަޅާފައިވާ ކަމަށެވެ.  


"ތައުލީމު އުނގެނުމުގެ ހައްގު ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވޭ. އަރަބިއްޔާ ސްކޫލު ކުދިންނަށް ކިޔެވުމާއި އިމާރާތުގެ ދަތިކަން ފަދަ ކަންކަން ދިމާވަމުންދާ ކަމަށް ބެލެވިގެން މި މައްސަލަ ބަލަން ފަށާފައި ވަނީ. ކޮންމެހެން އިންވެސްޓިގޭޝަނެއް ކުރަނީއެއް ނޫން ސުލްހަވެރި ހައްލެއް ގެނެވޭތޯ ކޮމިޝަނުން ބަލާނީ،" ރިލްވާން ވިދާޅުވި އެވެ.


އެޗްއާރުސީއެމުން އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލާއި އަދިވެސް އިދާރީ ބައެއް ބޭފުޅުންނާއި އެ ސްކޫލުގެ ބެލެނިވެރިންނާއި އަދި ވެސް ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުން ގެންދާނެ ކަމަށް ރިލްވާން ވިދާޅުވި އެވެ.


އަރަބިއްޔާ ސްކޫލުގެ އިމާރާތް ކުރިން ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ބަދަލުގައި އަރަބިއްޔާ ސްކޫލު ކުދިން ކުރީގެ އީޕީއެއްސް ސްކޫލަށް ބަދަލުކުރުމުގެ ސަބަބުން އަރަބިއްޔާ ސްކޫލްގެ ކުދިންނަށް ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަރަބިއްޔާ ސްކޫލަށް އަންނަ އަހަރަށް އަލަށް ވެއްދެން އޮތީ 30 ކުދިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ބުނަމުންނެވެ.


އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ސިޔާސީ ޕާޓީތަކުން ބުނާ ގޮތުގައި ސަރުކާރުގެ މި އަމަލަކީ އިސްލާމީ ތައުލީމު ދިވެހި ރާއްޖޭގައި ހަނިކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ.   


އަރަބިއްޔާ ސްކޫލްގެ ބިމުގެ މައްސަލަ އާއި އެ ސްކޫލުގެ ދަރިވަރުންގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކުލަވާލައްވާފައިވާ ކޮމެޓީން ގޮތެއް ނުނިންމަވަނީސް އަރަބިއްޔާގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވެން ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައި އެވެ.


މިމަހު 9 ވަނަ ދުވަހު ސަރުކާރުން ދިވެހި ރާއްޖެއަށް ގެނައި "އައި ފްރޮމް ޒިއޯން" ކިޔާ "ޔަހޫދީ" ޑޮކްޓަރުންގެ ޓީމާއި ދެކޮޅަށް ވެސް ގިނަ އަދަދެއްގެ އާންމުރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.