ވެރިރަށް މާލެ މިހާރު ވެފައިވަނީ އެމާލޭގައި ދިރިއުޅޭ މީހުންގެ ބޮލުގެ ރިހުމަކަށެވެ. އަލަށް މާލެ އަންނަ މީހަކު މިރަށް ސިފަކުރާ ނަމަ ބުނާނީ މިއީ ގަދަ އަޑުފަށްގަނޑަކާއި ހޫނު ވައިގަނޑެއް ކަމަށެވެ. އެހެން ނުބުނާންވީ ސަބަބެއް ވެސް ނެތެވެ. މިތަން ތޮއްޖެހިފައި ވަނީ އެވަރަށެވެ. ދެ އަކަކިލޯމީޓަރުވެސް ހަމަނުވާ މިރަށުގައި ގާތްގަނޑަކަށް 200000 މީހުން އުޅޭނެ ކަމަށް ލަފާކުރެވެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.

ކުދިކުދި ބިންކޮޅުކޮޅުގައި މީހުން މިވަރަށް ތޮއްޖެހުމަކީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ނުހަނު ބޮޑު ގެއްލުން ލިބޭ ކަމެއްކަން އެކި އެކި ދިރާސާތަކުން ވަނީ އެނގިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯ ބުނާ ގޮތުގައި ގިނަ ބަލިތަކެއް ނުރައްކާތެރި ހަލުވިމިނެއްގައި ފެތުރުމުގެ މައިގަނޑު ސަބަބަކީ ތޮއްޖެހުމެވެ. އެގޮތުން ފެތުރޭ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއި މެނިންޖައިޓިސްއާއި ޓައިފަސްއާއި ކޮލެރާއާއި ސްކާބީސް ފަދަ ބަލިތައް ހިމެނެއެވެ. އާބާދީ ތޮއްޖެހުން ބޮޑު ނަމަ އެފަދަ ބަލިތައް ފާޅުވާލެއް އަވަސްވާ ކަމަށާއި ބަލިތަކުގެ ނުރައްކާތެރިކަން އިތުރުވާ ކަމަށް ވެސް އެޖަމިއްޔާއިން ކުރިން ވަނީ ބުނެފައެވެ.

އާބާދީ ތޮއްޖެހިފައި ވުމުން ސިއްހީ ހިދުމަތްދޭ ތަންތަން ވެސް ތޮއްޖެހެއެވެ. އޭރުން އެތަންތަން އެ ތޮއްޖެހެނީ ހަމައެކަނި އިންސާނުންނާއިގެންނެއް ނޫނެވެ. އިންސާނުންނެކޭ އެއްގޮތަށް ޖަރާސީމުތައް ވެސް ތޮއްޖެހެއެވެ.

މިހުރިހާ ކަމެއް މިހެން ހުރި އިރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ހަމަ ކޮންމެ ބޭފުޅަކު ވެސް އުޅުއްވާތަން ފެނިފައި ވަނީ މާލެއަށް ވީހާވެސް ގިނަ ބަޔަކު ޖަމާވާ ފަދަ މަޝްރޫއުތައް ހިންގެވުމަށެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ވެރިރަށް މާލޭގައި ފްލެޓްތަކެއް އެޅުއްވިއެވެ. އެތަންތަން އެޅުއްވީ މާލޭގައި ބޯހިޔާ ވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ބޭނުމުގައި ކަމަށް އޭރު ސަރުކާރުން ބުންޏެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފްލެޓްތަކުގައި އައިސް ވަޒަންވެރިވީ އަނެއްކާ ވެސް އާ ބައެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އަނެއްކާ މާލޭގައި ފްލެޓްތަކެއް އިމާރާތް ކުރަން ވަނީ ފަށާފައެވެ. އެތަންތަން ނިމޭއިރު އެތައް ހާސްމީހުންނެއް އަނެއްކާ ވެސް މާލެއަށް ޖަމާވާނެ ކަމީ ޔަގީންވާ ކަމެކެވެ. އެކަން އެހެން އޮއްވައި އަނެއްކާ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ސަރުކާރުން ހަމަ އަނެއްކާ ވެސް ފްލެޓް އިމާރާތް ކުރުމުގައި އިސްކަން ދެއްވާތަން މިފެންނަނީ މާލެ ސަރަހައްދަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހި ކަމަށް އެދޭ ފޯމް 12،000 އަށް ވުރެ ގިނަމީހުން ނަގާފައިވާ ކަމަށެވެ.

".... މިއަދާ ހަމައަށް އައި އިރުގައި 12،000 އަށް ވުރެ ގިނަ ފަރާތްތަކުން ފޯމް ނަގާފައިވޭ. އެހެންވީމާ މިމަޝްރޫއުގެ ދަށުން އަޅުގަނޑުމެން މިހާތަނަށް އަޅަން ނިންމާފައިވާ 11،00 އެއްހާ ފްލެޓް އެއީ ވަރަށް މަދު އަދަދެއް ކަން މީގެން އެބަ ފާހަގަވެގެންދޭ. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ މި 11،00 ފްލެޓަށް ވުރެ އިތުރަށް އަދި ފްލެޓްތަކެއް އެޅޭނެ ގޮތްތަކެއް ހޯދުން. އެގޮތުން އަޅުގަނޑުމެން މިހާރު އިތުރު 600 ފްލެޓް އެޅުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ މަޝްވަރާކުރަމުން އެބަދަން،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވި ނަމަވެސް އެފޯމްތައް އަތޮޅުތަކުގެ އެތައް ބަޔަކު ވެސް ވަނީ ނަގާފައެވެ. އެމީހުން ފޯމް ނަގަން ޖެހުނީ ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް އޮތް ތަނަކީ މާލެ ކަމަށް ވާތީއެވެ.

".... ކޮބާ ފޯމެއް ނުނަގަންތަ؟ މަ މިހާރު ނަގައިފިން. ފަހަރެއްގައި އަޅައިގެންފާނެތާ ދޯ،" ރަށްޓެއްސަކު ބުންޏެވެ.
" ފޯމެއް ނުނަގަމޭ، މިތާ އަބަދު އުޅޭކަށް ބޭނުމެއް ނުވެޔޭ " ބުނީމައި އޭނާ ފެށީ މާލެ ސަރަހައްދުން ތަނެއް ހޯދުމުގެ މުހިއްމު ކަމާ ބެހޭ ތަގުރީރެކެވެ. ބުނީ މިތަނުން ނޫނީ އެއްވެސް ކަމެއް ވާން ނެތް ކަމަށެވެ. ރަށުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
" ... ދަރިންނަށް ރަނގަޅު ތައުލީމެއް ދެވޭކަށް ނެތް، ރަނގަޅު ސިއްހީ ފަރުވާއެއް ލިބޭކަށް ނެތް، ކަމެއް ވާއިރަށް މި އަންނަން ޖެހެނީ މާލެއަށް. އެގޮތަށް ކުރަން ޖެހޭ ދަތުރަކަށް ކުރަން ޖެހޭ ހަރަދު އެހާ ބޮޑު،" އޭނާ ފައްޗަކަށް އަމުނައިލިއެވެ.

ގިނަ ބަޔަކު މާލޭން ގެދޮރު ބޭނުން ވާ މައިގަނޑު ސަބަބަކީ މިއެވެ. މިތަން ތޮއްޖެހުމުގެ އަސްލަކީ ވެސް މިއެވެ.

ފްލެޓް ދޫކުރަން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައި އަތޮޅުތަކުން އަންނަ މީހުންނަށް ވެސް ހުޅުމާލެ އިން ފްލެޓް ހޯދުމުގެ ފުރުސަތު ލިބެއެވެ. މިއީ އަނެއްކާވެސް މާލެ ސަރަހައްދަށް މީހުން އިތުރުވާނެ ކަމެކެވެ. ނަމަވެސް ސަރުކާރުގެ އަމާޒު ހުރީ ހަމަ މިތަނަށް ފްލެޓްތައް އިތުރުކުރާށެވެ.

" ޖުމްލަ 2،000 ފްލެޓްގެ މަސައްކަތް ކުރެވޭނެ ކަމަށް ސަރުކާރުން އުއް މީދުކުރަނީ، " މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓް ވެސް އަޅަން ޖެހެއެވެ. ބޯހިޔާވަހިކަން ދޭން ޖެހެއެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މައްސަލަތަކަށް ހަގީގީ ހައްލެއް ހޯދައިދޭން ބޭނުންވާ ނަމަ ކުރަން ޖެހޭ އެހެން ކަމެއް އެބަ ވެއެވެ. އެއީ އެހެން މާލެއެއް އުފެއްދުމެވެ. އިތުރު އެތައް މާލެތަކެއް އުފެއްދުމެވެ. މާލެއާ އެއް ފެންވަރަށް ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތައް ތަރައްގީ ކުރަން މަސައްކަތް ކުރުމެވެ.

ސިއްހީ ފަރުވާގެ ފެންވަރުވެސް ރަނގަޅު ކުރެވޭނީ އޭރުން ކަމަށް ޑަބްލިއުއެޗްއޯ ސައުތު އީސްޓްއޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލް ސިންގް ދާދި ފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ހައްލެއް ލިބުން އޮތީ ވެސް އެގޮތުގައި ކަމަށެވެ.

"....ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ ސިއްހީ ހިދުމަތްދޭ ސަރަހައްދީ ތަންތަން ގާއިމްކުރުން. އޭރުން ސިއްހީ ހިދުމަތް ބޭނުންވާ އެންމެން އަބަދު މާލޭގައި ހުންނަ ޓާޝިއަރީ ލެވެލްގެ ހޮސްޕިޓަލަށް އަންނާކަށް ނުޖެހޭނެ. އެމީހުންނަށް އޭރުން ސަރަހައްދީ ފެސިލިޓީއަށް ދެވޭނެ. އެކަމަކު ސަރަހައްދީ ފެސިލިޓީ ވާން ޖެހޭނީ މީހުން ހިތްހަމަ ޖެހޭ ވަރުގެ ތަންތަނަށް. އައިޖީއެމް އެޗްއެޗް އިން ލިބޭ ވަރުގެ ސިއްހީ ފަރުވާ ލިބޭ ތަންތަނަށް،" ޑރ. ޕޫނަމް ވިދާޅުވެފައި ވެއެވެ.

މިކަންތަކަށް މިހާރުން ފެށިގެން ވެސް މަސައްކަތް ކުރަން ޖެހެއެވެ. ތޮއްޖެއްސުމުގެ ސިޔާސަތު ނިމުކަށް އަންނަން ޖެހެއެވެ. އަހަރެމެން މިތަނުން ސަލާމަތް ވާންޖެހެއެވެ. އަހަރެމެންގެ ރަށްތަކުގައި ދިރިއުޅެވޭނެ ގޮތެއް ވާން ޖެހެއެވެ.