ފަސް އަހަރުގެ ދަރިފުޅު ހޯދައި މަންމައާ ހަވާލުކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރު ކޮށްފައިވާތީ، ދަރިފުޅުގެ ބައްޕަ ހއ. ފިއްލަދޫ ހުދުފަޅު، ހުސައިން ތަހުސީން މެޖިސްޓްރޭޓަށް ބިރުދައްކައި އިންޒާރުދޭން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ތަފާތު އެކި ފަހަރުމަތިން ތަހުސީން މެޖިސްޓްރޭޓްގެ މޯބައިލް ފޯނަށް ގުޅައި އަދި އެސްއެމްއެސްކޮށް އިންޒާރުދެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މެޖިސްޓްރޭޓްގެ އިތުރުން އޭނާގެ އަނބިކަނބަލުންނަށް ވެސް ގުޅައި އުނދަގޫކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ކޯހެއްގައި މިވަގުތު މާލޭގައި މެޖިސްޓްރޭޓް ހުންނެވިކަން އެނގިގެން ތަހުސީން އޭނާ އަށް އެސްއެމްއެސްކޮށް "މާލޭގެ މަގުމަތީގައި އުޅޭއިރު ވިސްނައިގެން އުޅުމަށް" އަންގައި އިންޒާރުދެމުން އަންނަ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ތަހުސީން އެ އަމަލު ތަކުރާރު ކުރަމުން އަންނައިރު މިހާތަނަށް އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ހުސައިން ތަހުސީން އަންނަނީ ތަކުރާރުކޮށް މެޖިސްޓްރޭޓަށް އިންޒާރުދެމުން. ހިތާމައަކީ މިހާތަނަށް ފުލުހުން އޭނާ ހައްޔަރުކޮށްފައެއް ނުވޭ. އޭނާ ހައްޔަރުނުކޮށް އެންމެ އެދެވޭ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓަށް ބިރުދައްކައި އިންޒާރުދޭ މައްސަލަ ހުށަހެޅިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީ ކޯޓުގެ އޮފިޝަލް ވިދާޅުވީ ދަރިފުޅު މަންމައާ ހަވާލުކުރަން ކޯޓުން އަމުރު ނެރުނު އިރު ދެ މީހުންގެ ކުށުގެ ރެކޯޑަށް ވެސް ބަލާފައިވާނެ ކަމަށެވެ. އެގޮތުން ދަރިފުޅުގެ މަންމަގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތްކަމަށާއި ނަމަވެސް ދަރިފުޅުގެ ބައްޕަ ތަހުސީނަކީ ތަފާތު އެކި މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ތަހުސީންގެ ކުށުގެ ރެކޯޑަށް ބަލާއިރު ވައްކަންކުރުމުގެ ތަފާތު އެކި މައްސަލަތަކާއި މަކަރާއި ހީލަތް ހެދުމާއި ޓެކުމުގެ އެކިއެކި މައްސަލަތަކުގެ އިތުރުން އަމުރަށްނުކިޔަމަންތެރިވުމާއި ދޮގުހެކި ދިނުމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.