18 Apr 2014, 18:33
ވިލާ ކޮލެޖުގެ ހަތް ވަނަ ކެމްޕަސް އދ. މަހިބަދޫގައި އިއްޔެ ހުޅުވައިފި އެވެ.
މަހިބަދޫގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި "ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސް" ހުޅުއްވައިދެއްވީ، ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު އެވެ.
ވިލާ ކޮލެޖްގެ ޑިރެކްޓަރު އޮފް ޑިވެލޮޕްމަންޓް އެންޑް އެންޓަޕްރައިސް މުހައްމަދު އަޒީމް ހާރޫން މިއަދު "ސަން" އަށް ވިދާޅުވީ، ކުރިން ހަދާފައި ހުރި އިމާރާތެއް ކޮލެޖަކަށް ބަދަލުކޮށްގެން ހުޅުވި އެ ކަމްޕަސް އަކީ ޕަބްލިކް ޕަރައިވެޓް ޕާޓްނާ ޝިޕް (ޕީޕީޕީ) ގެ ދަށުން ހެދި ކެމްޕަހެއް ކަމަށެވެ.
މަހިބަދޫ ކެމްޕަސް އިއްޔެ ހުޅުވައި އިއްޔެ ކިޔަވައިދޭން ފަށާފައިވާއިރު މިހާރު ކުރިއަށްދާ ސެމިސްޓާގައި 70 ދަރިވަރުން ކިޔަވަމުންދާ ކަމަށްވެސް އަޒީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށްދާ ސެމިސްޓާގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ފައުންޑޭޝަން ކޯސްތަކެއް ކިޔަވައިދެމުންދާ ކަމަށެވެ.
"އިއްޔެ ވަނީ އެ ކެމްޕަހުގައި ކިޔަވައިދޭންވެސް ފަށާފަ. އެގޮތުން މި ސެމިސްޓާގައި ސެޓްފިކެޓް 3 އިން އައިޓީ، ސެޓްފިކެޓް 3 އިން ބިޒްނަސް، ފައުންޑޭޝަން އިން އައިޓީ އާއި ފައުންޑޭޝަން އިން ބިޒްނަސް ސްޓަޑީޒްގެ އިތުރުން ފައުންޑޭޝަން އިން ޓީޗިންގ ވަނީ ކިޔަވައިދޭން ފަށާފަ،" އަޒީމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ސެމިސްޓާގައި ވިލާ ކޮލެޖް މަހިބަދޫ ކެމްޕަހުގައި ޑިގްރީ އިން އައިޓީ އާއި ޑިޕްލޮމާ އިން ޓީޗިންގ ފަށާނެ ކަމަށްވެސް އަޒީމް ވިދާޅުވި އެވެ.
މަހިބަދޫގައި އިއްޔެ ހުޅުވި ވިލާ ކޮލެޖުގެ ކެމްޕަހާއި އެކު އެ ކޮލެޖުން މިހާތަނަށް އަތޮޅު ތެރޭގައި ވަނީ ހަތް ކެމްޕަހެއް ހުޅުވާފަ އެެވެ. އެގޮތުން ޏ. ފުވައްމުލަކު، ށ. ފުނަދޫ، ބ. އޭދަފުށި، ޅ. ނައިފަރު ގެ އިތުރުން ސަން އައިލެންޑް ރިސޯޓުގަ އާއި މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވި އައްޑޫ ކެމްޕަސް ހިމެނެ އެވެ.
ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޕްރައިވެޓް ކޮލެޖުގެ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން އަންނަ ވިލާ ކޮލެޖުގެ އެކި އެކި ކެމްޕަސް ތަކުގައި 4700 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ކިޔަވަމުންދެ އެވެ.