18 Apr 2014, 16:35
އަލްޖަޒާއިރު (އެޕްރީލް 18): އަލްޖަޒާއިރުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުތައް ގުނަމުން ގެންދާއިރު އެންމެ ގިނަވޯޓު ލިބިވަޑައިގެން ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް އަބްދުލްއަޒީޒް ބޫތާފްލީގާ ކަމަށް އޭނާގެ ކޭންޕޭންގެ ކަންތައްތަކުގައި އިސްކޮށް ހަކަރާތްތެރިވި ފަރާތްތަކުން ކަށަވަރުކޮށްދީފިއެވެ.
ބޫތާފްލީގާގެ ކޭންޕޭން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އޭނާގެ ޕާޓީ ކަމަށްވާ "ނެޝަނަލް ލިބަރޭޝަން ފްރަންޓް" ގެ އަމީންއާންމު އަންމާރު ސައްދާނީ ވިދާޅުވީ، މިހާތަނަށް ގުނާފައިވާ ވޯޓުތަކަށްބަލާއިރު ރައީސް ބޫތާފްލީގާ އުޅުއްވަނީ އެހެން ކެންޑިޑޭޓުންނަށްވުރެ މާބޮޑު ތަފާތަކުން ކުރީގައި ކަމަށާއި އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޫތާފްލީގާކަން މިހާރުވެސް ކަށަވަރު ވެފައިވާ ކަމުގައެވެ.
ރިޔާސީ އިންތިޚާބުގައި ބޫތާފްލީގާ އާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާ އަލްޖަޒާއިރުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އަލީ ބިންފްލީސް ވަނީ ބޮޑުތަފާތަކުން ބޫތާފްލީގާ ކުރީގައި އުޅުއްވާނަމަ އެއީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމުގެ ހެއްކެތްކަން ކަށަވަރުވާ ކަމަށް ވިދާޅުވެ މިފަދަ ހާލަތެއްގައި އެނަތީޖާ ގަބޫލު ނުކުރައްވާނެކަން ހާމަކުރައްވާފައެވެ.
އަލީ ބިންފްލީސް ގެ ކޭންޕޭން މެނޭޖަރު ލުތްފީ ބޫމަޣާރު ވިދާޅުވީ، ސަރުކާރުން ވޯޓު އޮޅުވާލާނެ ކަމަށް ކުރިންވެސް ބެލެވިފައިވާ ކަމަށާއި އަލްޖަޒާއިރުގެ އިންތިޚާބުތަކާބެހޭ އިދާރާއަކީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ތަނެއްކަމަށް ތުހުމަތު ކުރައްވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ގުނާފައިވާ ވޯޓުތަކަށްބަލާއިރު އަލްޖަޒާއިރުގެ އިރުމަތީގެ ސަރަހައްދުތަކުން ބިންފްލީސް އުޅުއްވަނީ ކުރީގައި ކަމަށް ލުތްފީ ވިދާޅުވިއެވެ.
އަލްޖަޒާއިރުގެ ރިޔާސާ އިންތިޚާބު ކާމިޔާބުކުރައްވާނީ އެގައުމުގެ މިހާރުގެ ރައީސް އަބްދުލްއަޒީޒް ބޫތާފްލީގާ ކަމަށް ބެލެވިފައިވާއިރު ސްޓްރޯކެއް ޖެހުމާގުޅިގެން ދިގުމުއްދަތުގެ އާލާސްކަންފުޅެއްގައި އުޅުއްވާ އުމުރުން 77 އަހަރުގެ ބޫތާފްލީގާ އިއްޔެ ވޯޓުލުމަށް ނުކުމެވަޑައިގެންފައިވަނީވެސް ފުރޮޅުލީ ގޮނޑިއެއްގައެވެ. ސްޓްރޯކަށްފަހު ބޫތާފްލީގާ ވަނީ ޕެރަލައިޒް ވެފައެވެ. މިހާ ބަލިހާލުކޮޅުގައި ބޫތާފްލީގާ އުޅުއްވިނަމަވެސް ރިޔާސީ ހަތަރުވަނަ ދައުރަކަށް އޭނާއިންތިޚާބުވެ ވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުންވެސް ވަނީ ހާމަވެފައެވެ.
ބޫތާފްލީގާ މިހާރުވެސްވަނީ ޖެހިޖެހިގެން ތިން ދައުރު (15 އަހަރު) ވެރިކަމުގައި ހޭދަކުރައްވާފައެވެ. ބޫތާފްލީގާ ގެ އާލާސްކަންފުޅާއެކުވެސް އަލްޖަޒާއިރުގެ ރައްޔިތުންގެ ތާއީދު އޭނާއަށް ބޮޑުވެފައިވަނީ އޭނާ ނޫންބޭފުޅަކު ވެރިކަމުގައި ހުންނަވައިގެން އަލްޖަޒާއިރުގައި އަމްނު އަމާންކަން ގާއިމް ކުރެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ނެތުމުން ކަމަށް ޚަބަރުތައް ބުނެއެވެ.
އަލްޖަޒާއިރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ގިނަ ކެންޑިޑޭޓުންވަނީ އެ އިންތިޚާބަށް ބޫތާފްލީގާ ކުރިމަތިލެއްވުމާ ގުޅިގެން އިންތިޚާބު އިންސާފުވެރި ނުވާނެކަމަށް ވިދާޅުވެ އެބޭފުޅުންގެ ނަންތައް އަނބުރާ ގެންދަވައި ރިޔާސީ ރޭހުން ނުކުމެވަޑައިގެންފައެވެ. އެހެންކަމުން މިއިންތިޚާބުގައި ނުފޫޒުގަދަ އެއްވެސް ލީޑަރަކު ވާދަކުރައްވާފައި ނުވާތީ ވަރަށް ފަސޭހައިން ބޫތާފްލީގާ މިއިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށްވަނީ ބެލެވިފައެވެ. (އަލްޖަޒީރާ)