18 Apr 2014, 12:37
މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް" އިއްޔެ ހަވީރު ރާއްޖެ ގެނެސްފި އެވެ.
މޯލްޑިވިއަނުން ބުނީ ސީޕްލޭން ހިދުމަތް ދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން ސީޕްލޭންގެ ހިދުމަތް ދިނުމަށް މޯލްޑިވިއަން އިން އެއާޕޯޓްގައި ފްލޯޓިން ޖެޓީ ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން ރާއްޖެ އައީ ކެނެޑާގެ އަލްބާޓާ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ކަލްގަރީން ފުރައިގެންނެވެ.
ދުނިޔޭގެ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް"އިން ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރަމުން ގެންދިޔަ ދެ ކުންފުނި މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ ގަތުމަށްފަހު އެ ދެކުންފުނި ވަނީ މިހާރު އެއްކޮށްލައިފަ އެވެ. އެހެން ކަމުން މޯލްޑިވިއަންގެ ދަތުރުތަކާ އެކު ސީޕްލޭންގެ ވާދަވެރިކަން އަނެއްކާ ވެސް އިތުރު ވާނެ އެވެ.
ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މޯލްޑިވިއަން އިން ސީޕްލޭންގެ ހިދުމަތް ދިނުމުގެ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވީ ނަމަވެސް ރަސްމީކޮށް އެ ހިދުމަތް ފަށާނެ ތާރީހު އަދި ހާމައެއް ނުކުރެ އެވެ.