ދިވެހިރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ "ބޯހިމެނުން 2014" އަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 19 އިން 26 އަށް "ޕައިލެޓް ސެންސަސް" އެއް ބާއްވާން ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގ އިން ބުނެފި އެވެ.

ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓުން ބުނީ، ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ބޯހިމެނުމުގެ މަސައްކަތައް ތައްޔާރުވެ، އެމަސައްކަތުގައި ކުރިއަށްދާނެ ހުރިހާ ކަންތައްތަކެއް ޓެސްޓުކޮށް ދިމާވާދަތިތައް ދެނެގަތުމެވެ.

މާދަމައިން ފެށިގެން އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕައިލެޓް ސެންސަސްގައި މާލެ، ހުޅުމާލެ އަދި ވިލިނގިލިން ހޮވާލެވޭ ޖުމުލަ 13 ބްލޮކެއްގައި ދިރިއުޅޭ ހުރިހާ ގޭބިސީ ތަކަކުން މައުލޫމާތު އެއްކުރާނެ ކަމަށް އެޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އެގޮތުން މާލެއިން ހޮވާލެވިފައިވާ ބްލޮކް ތަކަކީ، 029، 002، 013، 016، 100، 101، 192، 193، 285، 287 އެވެ. އަދި ވިލިގިލިން 007 ނަންބަރު ބްލޮކް ހޮވާފައިވާއިރު ހުޅުމާލޭގައި ޕައިލެޓް ސެންސަސް ކުރިއަށް ގެންދާނީ 004 އާއި 003 ބްލޮކްގައި ކަމަށް ވެސް ޕްލޭނިންގ ޑިޕާޓްމަންޓުން ބުންޏެވެ.

ނޭޝަންލް ޕްލޭނިންގ އިން ބުނީ، މި ޕައިލެޓް ސެންސަސްގައި، ތަފްސީލުމައުލޫމާތު ނެގުމަށް ކަނޑައެޅިފައިވާ ބައިތަކުގެ ތެރޭގައި ގޭބިސީގެ މައުލޫމާތާއި، ގޭބިސީގައި ހިމެނޭ މީހުންގެ މައުލޫމާތު ހިމެނޭ ކަމަށެވެ. އަދި އާއްމު މައުލޫމާތުގެ ތެރޭގައި ތައުލީމް، ހިޖުރަކުރުން، މަސައްކަތްތެރިކަން އަދި ކައިވެންޏާއި ދަރިމައިވުމުގެ މައުލޫމާތު ވެސް ހިމެނޭ ކަމަށް އެ ޑިޕާޓް މަންޓުން ބުންޏެވެ.

ހޮވާލެވިފައިވާ ބްލޮކްތަކުގައި ހިމެނޭ ބިދޭސީން ދިރިއުޅޭ ތަންތަނުން މައުލޫމާތު ނަގާނީ، އެ ކަމަށް ތަމްރީނުދީ ކަނޑައަޅާފައިވާ ބިދޭސީ ޓީމުތަކުން ކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ނޭޝަނަލް ޕްލޭނިންގއިން އިތުރަށް ބުނީ، ބޯހިމެނުމަކީ ގައުމީ މަސައްކަތްތަކަށް ތައްޔާރުވުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ވާއިރު ޕައިލެޓް ސެންސަސް ކުރިއަށްދާއިރު ގޭބިސީތަކުން އަދި ފަރުދުންގެ ކިބައިން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަކީ އެ ޑިޕާޓްމަންޓްގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ. އަދި ޕައިލެޓް ސެންސަސްއިން ނެގޭ ވަކިވަކި ފަރުދުންނާއި ގޭބިސީތަކުގެ މައުލޫމާތުގެ ސިއްރުހިފަހައްޓާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ބޯހިމެނުމުގެ ސުވާލު ކަރުދާސް ޓެސްޓްކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އިން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގައި ބޯހިމެނުމުގެ "ޕްރީ ޓެސްޓް" އެއް ކުރިއަށް ގެންގޮސްފަ އެވެ.