ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރިހާ ގޮތަކުން އެހީތެރިކަން ވެދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެބަސްވެވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖަޕާނަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރީނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކަށް އެހީތެރިވެދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައި ވަނީ ރާއްޖެއާ އެކު ބޭއްވި ރަސްމީ ވާހަކަތަކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އެކިއެކި ކަންތައްތަކުގައި ޖަޕާނު ސަރުކާރުގެ އެހީއަށް އެދިފައިވާނެ ކަމަށެވެ. އަދި އެ ގައުމުގެ ޕްރައިވެޓް އިންޑަސްޓްރީގެ ފަރާތްތަކާއެކު ބިޒްނަސް ފޯރަމެއް ބާއްވާފައިވާ ކަމަށާއި އެއީ ވަރަށް ރަނގަޅު ފޯރަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...އަޅުގަނޑުމެންގެ ވަޒީރުނާއި އެކޮޅުން އަޅުގަނޑުމެންގެ ސަފީރާ ގުޅިގެން ޖަޕާނުގައި ތިބި ބޮޑެތި ވިޔަފާރިވެރިންގެ ވަރަށް ރަނގަޅު ބިޒްނަސް ފޯރަމެއް ވެސް އިންތިޒާމް ކުރެއްވި. އެހެންވީމަ ވަރަށް ގިނަ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖަޕާން ސަރުކާރުން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ރާއްޖެގެ ރައްޔިތުންނާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުނެވެ. އަދި ޖަޕާނަށް އައި ބިންހެލުމާއެކު އެ ގައުމަށް އެރި ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ރާއްޖެއިން އެ ގައުމަށް ފޯރުކޮށްދިން 700،000 މަސް ދަޅުގެ ދީލަތީ އެހީ ޖަޕާނު ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކޮށް، އެކަމުގެ ޝުކުރު ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.