މިސްރުގެ ވެރިކަން ހޯދަން ބޭނުންނުވާ ކަމަށް ރައީސް ޙުސްނީ މުބާރަކްގެ ފިރިހެން ދަރިކަލުން ޖަމާލް މުބާރަކް ވިދާޅުވެއްޖެ އެވެ. ޖަމާލް މުބާރަކާ ޙަވާލާދީ މިސްރުގެ ނޫހެއްކަމަށްވާ "މިސްރު އަލްޔަވްމު" ބުނިގޮތުގައި މިސްރުގެ ރިޔާސަތަށް އޭނާގެ އެއްވެސް ޝައުޤުވެރިކަމެއްނެތެވެ. ނަމަވެސް މިސްރުގައި ވެރިކަންކުރާ ރައީސް މުބާރަކްގެ ނެޝަނަލް ޑިމޮކްރެޓިކް ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެޕާޓީއަށް އިސްލާޙީ ބަދަލުތައް ގެންނައުމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ވަޑައިގަންނަވަން ބޭނުންވާ ކަމަށް ޖަމާލް މުބާރަކް ވިދާޅުވި އެވެ. ރައީސް މުބާރަކް މުސްކުޅިފުޅުވެ އާލާސްކަންފުޅުގައި އުޅުއްވާތީ މިސްރުގެ ރައީސް ކަމުގެ މަޤާމަށް ޖަމާލް މުބާރަކް ކުރިމަތިލައްވަފާނެކަމުގެ އަޑުތަކެއް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފަ އެވެ. އަންނަ އަހަރު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން ނުވަތަ ނޫންކަން ރައީސް މުބާރަކް އަދި ހާމަކުރައްވާފައެއްނުވެ އެވެ.