ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ބަދަހިކުރުމަށް، ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްުޔޫމާއެކު ޖަޕާނުގެ އިންޓާނަލް އެފެއާޒް މިނިސްޓަރު މަޝްވަރާކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި އެ މަޝްވަރާތައް ކުރީ ޖަޕާނުގެ އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު ޔޮޝިޓާކާ ޝިންޑޯއާއެކު އިއްޔެ ބައްދަލު ކުރައްވަ އެވެ.

ރައީސް ޔާމިންގެ އަރިހަށް ޖަޕާނުގެ އިންޓާނަލް އެފެއާޒް މިނިސްޓަރު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެކަމުގައި އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން އިންޓަރނަލް މިނިސްޓަރަށް ދެއްވި އެވެ. އަދި ޖަޕާނަކީ، ސަރަޙައްދީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުޅުވުމަކީ، އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ފަށްޓަވާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ އިންޓާނަލް އެފެއާޒް މިނިސްޓަރާ ޙިއްޞާ ކުރެއްވި އެވެ.