17 Apr 2014, 17:02
ރ. އުނގޫފާރު އިންޖީނުގޭގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށުގައި އެރަށު ކައުންސިލްގެ ރައީސް 11 އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އުނގޫފާރު ރައްޔިތުންގެ އިންޖީންގެއިން ރަށުއޮފީހަށް ދެއްކި، 114325ރ. އާއި އަމިއްލައަށް ހަވާލުވެ ރަށު އޮފީހުގައި އޮންނަ “އިންޖީނުގެއަށް ލިބޭ ފައިސާ” ގެ ދުވަހު ފޮތުގައި އަބްދުއްނާސިރު ސޮއިކޮށް އެ ފައިސާ ނަގައި ބޭނުންކޮށްފައިވާ ކަމަށް އަމިއްލަ އަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އޭނާ ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުންނާއި ދައުލަތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާތީ އެ ފައިސާ އުނގޫފާރު ކައުންސިލް އިދާރާ އަށް ދިނުމަށްޓަކައި މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފަ އެވެ.