ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ފަންނުވެރިންގެ ދަފުތަރެއް އެކުލަވާ ލުމުގެ މަސައްކަތް ޔޫއެންޑީޕީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފަށައިފި އެވެ.


ޔޫއެންޑީޕީގެ ޕުރޮގްރާމް އެނަލިސްޓް ޝާލިނީ ޖައުފަރު މިއަދު ވިދާޅުވީ ދިވެހި ފަންނުވެރިންގެ ޕުރޮފައިލްތައް ހިމެނޭ ދަފްތަރެއް ތައްޔާރުކުރުމަށް ޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ދިވެހި ފަންނުވެރިންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ބޭފުޅުންގެ ނަންފުޅުތައް ހުށަހެޅުއްވުމުގެ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 10ގެ ނިޔަލަށް ކަމަށާއި ރަށު އޮފީސްތަކުންނާއި ޕުރޮވިންސް އޮފީސްތަކުން ރެޖިސްޓްރޭޝަން ފޯމް ލިބެންހުންނާނެ ކަމަށެވެ.


އޭނާ ވިދާޅުވީ ފޯމް ފުރުއްވުމަށް ފަހު އަތޮޅުތެރޭގައި ނަމަ ޔޫއެންޑީޕީ އަށް އެޑްރެސް ކުރައްވައި ފޯމް ޕޯސްޓް ކުރެއްވުމުން އެފަރާތެއްގެ މައުލޫމާތު ވެރިފައި ކުރުމަށް ފަހު އެ ދަފުތަރުގައި ހިމަނާނެ ކަމަށާއި މާލޭގައި ތިއްބެވި ބޭފުލުންގެ ފޯމް ޔޫއެންޑީޕީގެ ކައުންޓަރަށް ރަސްމީ ގަޑީގައި ހުށަހެޅުމަށެވެ.


"އަޅުގަނޑުމެން ވަރަށް ޕްރޮމިނެންޓް އާޓިސްޓުންނަށް ދައުވަތު މިދިނީ. ދެން އެހެން އާޓިސްޓުން އަޅުގަނޑުމެންނަށް ފޯމް ފިލްކޮށްލައްވާފައި ފޮނުއްވަން ޖެހޭނީ. ހުރިހާ އާޓިސްޓުންނަށް އެފުރުސަތު ހުޅުވާލާފަ މި އޮތީ،" ޝާލިނީ ވިދާޅުވި އެވެ.


ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން ޔޫއެންޑިޕީން ތައްޔާރު ކުރާ އެ ދަފްތަރުގައި ފަސް ވައްތަރެއްގެ އާޓިސްޓުން ހިމެނޭނެ ކަމަށް ޝާލިނީ ވިދާޅުވި އެވެ. އެއީ ވިސުއަލް، ސަގާފީ، މިޔުޒިކް، ލިޓެރަރީ، ޕާފޯމިން އާޓްސް އަދި ސަޕޯޓިން އާޓިސްޓުންގެ ކެޓަގަރީ ކަމަށް އޭނާ ވިދާޅުވި އެވެ.


ޝާލިނީ ވިދާޅުވީ އާޓިސްޓުންގެ ދަފުތަރެއް ތައްޔާރުކުރުމުން ރާއްޖޭގައި ގެއްލިފައި ތިބި ކިތަންމެ ފަންނުވެރިންނަކަށް ކުރިއަށް ދިޔުމަށްޓަކައި ބޮޑަތި މަގުތަކެއް ހުޅުވިގެން ދާނެ ކަމަށާއި ދިވެހި ފަންނުވެރިންނަށް އިތުރު ދިރުމެއް ލިބިގެން ދާނެ ކަމަށެވެ.


"މިއީ ގެއްލިފައި ތިބި ދިވެހި އާޓިސްޓުންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް. އެބޭފުޅުންގެ މަސައްކަތްތަކާއި ތަފްސީލު ޕުރޮފައިލް ޑައިރެކްޓްރީން ފެންނާނެ،" ޝާލިނީ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ހުށަހެޅޭ ނަންތަކުގެ ސައްހަކަން ބެލުމަށް ފަހު އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އާޓިސްޓުންގެ ދަފުތަރު ފޮތާއި ވެބްސައިޓް ލޯންޗް ކުރާނެ ކަމަށެވެ.


ޔޫއެންޑީޕީން މިހާރު ވަނީ އެ ދަފްތަރާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހޮޓްލައިނެއް ގާއިމް ކޮށްފަ އެވެ. އެ ހޮޓްލައިން ނަމްބަރަކީ "7434388" އެކެވެ.