ލ. ކުނަހަންދޫ ގެއެއްގައި ހުރި ދަރު ބަދިގެ އެއްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެންބަރު އަހްމަދު ހުސައިން ވިދާޅުވީ، މިއަދު މެންދުރު 2:40 އެހާކަންހާއިރު، ހިނގި އެ ހާދިސާގައި ރޯވެފައި ވަނީ އެ ރަށު ސަމާހިޔާގެ އާއި އިންވެގެން ހުރި ދަރު ބަދިގެ އެއްގައި ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު ބަދިގެ ތެރޭގައި ވެސް އަދި އެގޭ ތެރެއަކު ވެސް އެކަކު ވެސް ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލިފާން ހިނގި ވަގުތު ބަދިގޭގަ އާއި ގޭތެރެއަކު ވެސް އެކަކު ވެސް ނޫޅޭ. އަލިފާނުގެ ހާދިސާގައި ހިނގި ކަމަށް މައުލޫމާތު ލިބެނީ ރޯވެފައި ހުރި ދަރުތަކެއް އުދުން ދަށުން ނަގައި ދުރައްޖައްސާލާފައި ހުއްޓާ ބަދިގެ ތެރޭގައި ހުރި ރޯ ދަރުތަކެއްގައި ހިފައިގެން،" އޭނާ ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއި ގުޅިގެން އަލިފާންގަނޑު ނިއްވާލީ ރަށު ރައްޔިތުން ނުކުމެ ފެން ޖަހައިގެން ކަމަށާއި ހާދިސާގައި އެ ބަދިގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް އަދާ ހުލިވެފައިވާއިރު ގެއިން ބަދިގެއަށް ގުޅާފައިހުރި ވައިރިންތައް ވެސް އަދާފައިވާ ކަމަށް ހުސެއިން ވިދާޅުވި އެވެ.