ގައުމީ ޔުނިވާސިޓީން މިއަހަރުގެ ދެވަނަ ޓާމުގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވާ އެދޭ ފަރާތްތަކަށް 6000 އަށްވުރެ ގިނަ ޖާގަ ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޔުނިވާސިޓީގެ ޑެޕިއުޓީ ޗާންސެލަރު އަލީ ޝަރީފު ވިދާޅުވީ، ދެވަނަ ޓާމުގައި ފަށަން ހަމަޖެހިފައިވާ 209 ކޯހަކަށް 6220 ޖާގަ ހުޅުވާލާފައިވާ ކަމަށެވެ.

"ގައުމީ ޔުނިވާސިޓީން މިއަހަރުގެ ދެވަނަ ޓާމުގައި ފަށާ ކޯސްތަކުގެ ތެރެއިން 2630 ޖާގަ އެއް މާލޭގައި ހިންގާ ކޯސްތަކުން ލިބޭއިރު އަނެއް 3590 ޖާގައަކީ އަތޮޅު ތެރޭގައި ހުރި ޔުނިވާސިޓީގެ ކެމްޕަސްތަކުގައި ހުޅުވާލެވޭ ޖާގަ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ހދ. ކުޅުދުއްފުށީގައި 37 ކޯހަކަށް 970 ޖާގަ އަކާއި ގދ. ތިނަދޫގައި 24 ކޯހަކަށް 740 ޖާގަ އެއް ހުޅުވާލާފައިވާއިރު، ސ. ހިތަދޫގައި 34 ކޯހަކަށް 915 ޖާގަ އަކާއި ލ. ގަމުގައި 24 ކޯހަކަށް 655 ޖާގައެއް ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން 310 ޖާގައެއް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ދުރުންދޭ ތައުލީމުގެ ނިޒާމްގެ ދަށުން ހިންގާ ކޯސްތަކަށް ހުޅުވާލާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދެވަނަ ޓާމަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތަކެއް ހިމެނޭއިރު، އޭގެ ތެރޭގައި ގައުމީ ޔުނިވާސިޓީން އަލަށް ފަށާ ކޯސްތަކެއްވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިއުކޭޝަން އާއި އެޑްވާންސް ޑިޕްލޮމާ އިން ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަންގެ އިތުރުން އެޑްވާންސް ޑިޕްލޮމާ އޮފް އާލީ ޗައިލްޑް ހުޑް އެޑިއުކޭޝަން ހިމެނޭ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން، ގއ. ވިލިނގިލި އަދި ޏ. ފުވައްމުލަކުގައި ހުރި ޔުނިވާސިޓީގެ އައުޓް ރީޗް ސެންޓަރުތަކުގައި ދިވެހި ބަހުގެ ސާނަވީ މުދައްރިސުން ތަމްރީންކުރުމުގެ ކޯސް ފަށަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީން މިއަހަރުގެ ދެވަނަ ޓާމުގެ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ.