ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅުމަށް ދޫކުރަން ފެށި ފޯމް 12000 އަށް ވުރެ ގިނަމީހުން ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހައުސިން މިނިސްޓަރީގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި މިމައުލޫމާތު އާއްމުކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

" ... ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ، ގެދޮރުވެރިކުރުމުގެ ބޮޑު މަޝްރޫއެއް ފަށްޓާފައި. މިމަޝްރޫއުގެ ދަށުން އަޅުގަނޑުމެންގެ އުއްމީދަކީ އަދި އަޅުގަނޑުމެންގެ އަޒުމަކީ ވެސް މާލޭގައި އެންމެ ނިކަމެތިގޮތުގައި އުޅޭ ފަރާތްތަކަށް ގެދޮރުވެރިކަން ފޯރުކޮށްދިނުން. މި މަޝްރޫއުގައި އަޅުގަނޑުމެން ފޯމު ހުށަހަޅަން ދިން ފުރުސަތުގައި، މިއަދާ ހަމައަށް އައި އިރުގައި 12000 އަށް ވުރެ ގިނަ ފަރާތްތަކުން ފޯމް ނަގާފައިވޭ، " ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެއީ ހަމަ އެކަނި ( ކަރުދާހުގައި ޗާޕްކޮށްފައިވާ) ފޯމް ނެގި އަދަދު ކަމަށާއި އިންޓަނެޓުން ފޯމް ޑައުންލޯޑްކުރީ ކިތައް މީހުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފޯމްތައް ބަލައިގަންނަން އަދި ނުފަށާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފޯމް ނެގިމީހުންގެ އަދަދު މިހާ ގިނަވުމަކީ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އަޅަން ނިންމާފައިވާ 1100 އެއްހާ ފްލެޓަކީ ވަރަށް މަދު އަދަދެއް ކަން ފާހަގަވާ ކަމެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"... އެހެންވީމާ މިމަޝްރޫއުގެ ދަށުން އަޅުގަނޑުމެން މިހާތަނަށް އަޅަން ނިންމާފައިވާ 1100 އެއްހާ ފްލެޓް އެއީ ވަރަށް މަދު އަދަދެއް ކަން މީގެން އެބަ ފާހަގަވެގެންދޭ. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ މި 1100 ފްލެޓަށް ވުރެ އިތުރަށް އަދި ފްލެޓްތަކެއް އެޅޭނެ ގޮތްތަކެއް ހޯދުން. އެގޮތުން އަޅުގަނޑުމެން މިހާރު އިތުރު 600 ފްލެޓް އެޅުމަށް ޓަކައި ބޭރުގެ ބައެއް ފަރާތްތަކާ މަޝްވަރާކުރަމުން އެބަދަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، 2000 އެއްހާ ފްލެޓް އެޅުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން އުއްމީދުކުރާ ކަމަށެވެ. އަދި މިހާރު އަޅަން ނިންމާފައިވާ 1100 ފްލެޓްގެ ތެރެއިން އިންޑިއާ ސަރުކާރުގެ ލޯނަކުން އަޅަން ހަމަޖެހިފައިވާ 400 ފްލެޓްގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"... ދެން މިދެންނެވި 1100 ފްލެޓްގެ ތެރެއިން 400 އެއްހާ ފްލެޓްގެ މަސައްކަތް، އެއީ އިންޑިއާގެ ލޯނެއްގެ ދަށުން އަޅަން ޖެހޭ ފްލެޓްތައް އެޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރެއް ވެ ނިމިފައި ވަނީ. އެހެންވީމާ އިއްޔެގައި އެންމެ ފަހުން އެކަމާ ބެހޭ މީޓިންތައް އަޅުގަނޑުމެން ބޭއްވިން. އެހެންވީމާ މި އުއްމީދުކުރަނީ ދެމަސް ނޫނީ ތިންމަސް ތެރޭގައި އެމީހުން ތަކެތި ރާއްޖެއަށް ގެންނާނެކަމަށް،" މުއިއްޒުވިދާޅުވި އެވެ.