ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ފޯވަޑް ކާލޮސް ޓެވޭޒްއާ ދެމެދު މައްސަލަތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް ޓެވޭޒް ދޮގުކޮށްފި އެވެ.

ދާދި ފަހުން މީޑިއާތަކުން ނެރުނު ރިޕޯޓްތަކުގައިވާ ގޮތުގައި، އާޖެންޓީނާ ގައުމީ ޓީމުން ޓެވޭޒް އަށް ޖާގަ ނުލިބެނީ މެސީއާ ދެމެދު މައްސަލަތަކެއް ޖެހި ދެކުޅުންތެރިންގެ މެދުގައި ރުޅިވެރިކަން އޮތުމުންނެވެ. މެސީ އަކީ ގައުމީ ޓީމު ހަލާކުކުރަން މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށްވެސް ބައެއް ރިޕޯޓްތަކުން ބުނެ އެވެ.

"އެއީ ދޮގު ވާހަކަތަކެއް،" ހިނިތުންވެލާފައި ނޫސްވެރިންގެ ސުވާލުތަކަށް ޖަބާދެމުން ޓެވޭޒް ބުންޏެވެ. "އަހަރެމެންނާއި މެސީއާ ދެމެދު އެއްވެސް މައްސަލައެއް ނެތް، އެންމެންވެސް އެކަހަލަ ވާހަކަތައް ދައްކަން ހަބަރުތައް ފަތުރާނެ. އަހަރެމެން ގިނަ ކަންތައްތަކާއި މެދު މަޝްވަރާކޮށް، އެކުގައި ފަރިތަކުރުންތަކުގައި ބައިވެރިވަން،" ޓެވޭޒް ބުންޏެވެ.

ޓެވޭޒް ބުނީ، މިއަހަރަކީ މެސީގެ ވޯލްޑް ކަޕެއް ކަމަށާއި އޭނާ އަށް ކާމިޔާބަށް އެދޭ ކަމަށެވެ.

"މި އަހަރުގެ ވޯލްޑް ކަޕަކީ މެސީގެ ފަހަރެއް. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ވޯލްޑް ކަޕުގައި އޭނާ އަށް ކާމިޔާބަށް އެދެން. މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވަރަށް މޮޅު ދެ ކުޅުންތެރިން. އެ ދެކުޅުންތެރިންނާ އެއް ޓީމަކަށް އަހަރެން ކުޅުނިން. އެއީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން،" އޭނާ ބުންޏެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 64 މެޗު ޓެވޭޒް ކުޅެފައިވާ އިރު، މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް 2011 ވަނަ އަހަރަށް ފަހު، ގައުމީ ޓީމުން ފެނިފައެއް ނުވެ އެވެ.