ކިޔެވް (އެޕްރީލް 17): ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާއަށް ތާއީދުކުރާ ހަތިޔާރުއެޅި ފަރާތްތަކާއި ޔުކްރޭން ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ތިންމީހުން މަރުވެއްޖެވެ.

ޔުކްރޭންގެ ދާޚިލީ ވަޒީރު އަރްސީން އަވަކޯވް ވިދާޅުވިގޮތުގައި، މަރުވި ތިން މީހުންނަކީ ރަޝިޔާއަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތަކަށް ނިސްބަތްވާ ތިންމީހުންނެވެ. އެ ތިންމީހުން މަރުވީ މަރިބޫލްގައި ވާ އަސްކަރީ ބޭހެއް ހިސާރުކުރުމަށް މަސައްކަތްކުރި މީހުން ފައްސާލައި އެ ބޭސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ޔުކްރޭންގެ ސިފައިން ދިން ހަމަލާތަކެއްގަ އެވެ. އަދި އެ ބޭސް ހިސާރު ކުރުމަށް މަސައްކަތްކުރި މީހުންނާދެކޮޅަށް ބާރުގެ ބޭނުންކުރީ އެތަނުގައި ހުޅުޖަހަން އެމީހުން މަސައްކަތްކުރާތީ ކަމަށްވެސް ޔުކްރޭނުގެ ދާޚިލީ ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިއީ ތެދެއްކަން ކަށަވަރުވެފައެއް ނުވެއެވެ.

މިއީ، ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާއަށް ތާއީދުކުރާ ހަތިޔާރުއެޅި ފަރާތްތަކާ ދެކޮޅަށް ޔުކްރޭންގެ ސިފައިން ފަށާފައިވާ ޢަސްކަރީ އޮޕަރޭޝަންގައި ދެފަރާތުގެ ދެމެދުގައި ކުރިމަތިލުމެއް ހިނގައި މީހުން މަރުވި ފުރަތަމަ ފަހަރެވެ. މި ތިން މީހުން މަރުވުމާގުޅިގެން ޔުކްރޭންގެ މަސްރަހު ކުރިޔަށްވުރެ ބޮޑަށް ހޫނުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޔުކްރޭންގެ މައްސަލައަކީ ފިނި ހަނގުރާމައަށްފަހު ޔޫރަޕްގައި އުފެދުނު އަމަނާބެހޭ އެންމެ ނުރައްކާތެރި މައްސަލަކަމަށް ވަނީ ބެލެވިފައެވެ. މިމައްސަލަ ފެށުނީ ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ހަރުކަށި ފަރާތްތަކުން މިދިޔަ ފެބަރުއަރީ މަހު ޔުކްރޭންގެ އިންތިޚާބީ ސަރުކާރު ވައްޓާލުމާއެކު ޔުކްރޭންގެ އިންގިލާބީން އުފެއްދި ވަގުތީ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުންނަށް ބިރުދައްކައި ހެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިކަމުގެ ސަބަބުން ޔުކްރޭންގެ ބައެއްގެ ގޮތުގައިއޮތް ކްރައިމިޔާގެ ލޯކަލް ސަރުކާރުންވަނީ ޔުކްރޭންގެ ބައެއްގެ ގޮތުގައި އެސަރަހައްދު އޮތުމާ އަދި ނެތުމާމެދު ރައްޔިތުން ދެކޭގޮތް ފެންނަ ނުފެންނަ ވޯޓަކުން ބެލުމަށްފަހު ރަޝިޔާއާއެކު އިއްތިޙާދީ (ފެޑްރަލް) އެއްބަސްވުމެއްގައި ސޮއިކޮށް ރަޝިޔާގެ އިއްތިހާދުގެ ބައެއްގެ ގޮތުގައި އެސަރަހައްދު ހަމަޖައްސާފައެވެ. މިއާއެކު ޔުކްރޭންގެ އެހެން ބައެއް ސަރަހައްދުތަކުންވެސް ގެންދަނީ ޔުކްރޭންގެ ބައެއްގެ ގޮތުގައި އެސަރަހައްދުތައް އޮތުމާ އަދި ނެތުމާމެދު ރައްޔިތުން ދެކޭގޮތް ފެންނަ ނުފެންނަ ވޯޓަކުން ބެލުމަށް ތައްޔާރުވަމުންނެވެ.

ޔުކްރޭންގެ އިރުމަތީގެ ތިން ރަށެއްކަމަށްވާ ސްލަވިޔަންސިކް އާއި ކަރަމަތޯރު އަދި ދޮނިތްސިކް ގެ ބޮޑުބައިވަނީ ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ މިތިންރަށުގައި ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން އަސްކަރީ ބާރުވަރުގަދަ ކުރަމުންގެންދާ ކަމަށް ޔުކްރޭނުން ބުނެއެވެ.

ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިންވަނީ، ޔުކްރޭން ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ ޔުކްރޭންގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބަމާ މިއަދުވަނީ ޔުކްރޭންގެ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ ރަޝިޔާ ކަމަށް އަނެއްކާވެސް ތުހުމަތުކުރައްވައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޖެނީވާގައި މިއަދު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި އެމެރިކާ، ރަޝިޔާ، އަދި ޔުކްރޭން ގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުގެ މަންދޫބުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. (ނޫސްއެޖެންސީތައް)