އޮފީސްތަކުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ތަހުގީގުކޮށް ބެލުމަށްޓަކައި ކޮންމެ އޮފީހެއްގައި ކޮމެޓީއެއް އުފައްދަން ލާޒިމްކޮށްފައިވާ ބިލް، މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ބިލު ދިރާސާކޮށް ފާސް ކުރީ މަޖިލީހުގެ ތަޅުމުން އެ ބިލް ދިރާސާ ކުރުމަށް އެކުލަވައިލި 11 މެމްބަރުންގެ ވަގުތީ ކޮމެޓިއަކުންނެވެ.

ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ބިލު ކޮމެޓީން މިއަދު ފާސްކޮށްފައި ވަނީ އެ ބިލަށް މަދަނީ ޖަމްއިއްޔާތަކުންނާއި އިންޓަޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ދީފައިވާ ހިޔާލުތައް ހިމަނައިގެންނެވެ. މީގެއިތުރުން ކޮމެޓީން މިއަދު ބިލް ފާސްކުރިއިރު ބިލުގެ ނަމަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލްގެ ނަމުގައި މަޖިލީހަށް ހުށަހެޅި ބިލް ކޮމެޓީން ފާސްލުރިއިރު ބިލްގެ ނަން ވަނީ "ޖިންސީ ފުއްރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ބިލް"ގެ ނަމަށް ބަދަލުކޮށްފަ އެވެ.

މިއަދު ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ނަން ބިލަށް ކިޔުމުން އެ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގުސަދު ހާސިލް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމަކީ ތަފާތު ދެ އަމަލް ކަމަށާއި ބަހުގެ ހަމަތަކަށް ބަލާއިރު ވެސް އެއީ ތަފާތު ދެ މާނައެއް ދޭހަވާ ދެ ބަސް ކަމަށް މެންބަރުން ވިދާޅުވި އެވެ. އެހެން ކަމުން ކޮމެޓީ އަށް މިއަދު ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ބިލްގެ ނަން ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ބިލުގެ ނަމަށް ބަދަލުކޮށްފަ އެވެ.

މިއަދު ކޮމެޓީން ބިލު ފާސްކުރިއިރު ބިލަށް ގެނެސްފައިވާ ބަދަލު ތަކަގެ ތެރޭގައި ކުރިން މަދުވެގެން 10 މުވަޒަފުން ތިބޭ ކޮންމެ އޮފީހެއްގައި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވާ ކޮމެޓީ ހަދަން ލާޒިމްކޮށްފައި އޮތްއޮތުން ވަނީ މަދުވެގެން 30 މުވަޒަފުން ތިބޭ ކޮންމެ އޮފީހެއްގައި އެފަދަ މައްސަލަތައް ބަލަން، ތިން މެންބަރުންގެ ކޮމެޓީ އެއް ހަދަން ލާޒިމްކޮށްފަ އެވެ. މީގެއިތުރުން ޝަރުއީ ކޯޓުތަކުގައި ހިނގާ އެފަދަ މައްސަލަ ތައް ބެލުމަށް ވެސް ކޮމެޓީ އުފައްދަން ޖެހޭނެ އެވެ.

އެ ބިލްގައިވާ ގޮތުން ޖުޑިޝަރީ ތެރޭގައި ހިނގާ އެފަދަ މައްސަލަތައް ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވައި ތަހުގީގް ކުރާ ކޮމެޓީ އެއް އުފައްދަން ޖެހޭނެ ވެއެވެ. އަދި ބިލުގައި ވާގޮތުން ރާއްޖޭގެ ކޯޓު ތަކުގެ ތެރެއިން 30 މުވަޒިފުންނަށްވުރެ މަދުން މަސައްކަތް ކުރާ ތަންތަނުގައި ހިނގާ އެފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ ޑިޕާޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި ގާއިމް ކޮށްފައިވާ ކޮމެޓީއަ ށެވެ.

ކޮމެޓީން ބިލަށް ގެނެސްފައި އެހެން ބަދަލުތަކަށް ބަލާއިރު އެފަދަ މައްސަލަތައް ބެލުމަށްޓަކައި އޮފީސް ތަކުގައި ހަދާ ކޮމެޓީގައި އެފަދަ އަމަލެއް ކޮށްފައިވާ މީހެއް ނުވަތަ އެފަދަ އަމަލެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް އެ ކޮމެޓީގައި ހުރެގެން ނުވާނެ އެވެ. އަދި އެފަދަ މައްސަލަތައް ބަލާ ކޮމެޓީގައި މަދުވެގެން އެއް އަންހެނަކު ހުންނަން ޖެހޭނެ އެވެ. އަދި އެ ކޮމެޓީގެ އެންމެ އިސްވެރިއަކީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާ އެވެ.

އޮފީސް މާހައުލުގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ނުވަތަ ގޯނާ ކުރިކަން މުވަޒިފެއްގެ މައްޗަށް ސާބިތު ވެއްޖެ ނަމަ އެމީހަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން އެ މީހަކަށް ފުރަތަމަ ނަސޭހަތްތެރި ވެވިދާނެ އެވެ. އަދި ލިޔުމުން ވެސް އެންގިދާނެ އެވެ. ނުވަތަ އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ވެސް ކުރެވިދާނެ އެވެ. ނުވަތަ އަދާކުރަމުންދާ ވަޒީފާއަށް ވުރެ ދަށް މަގާމަކަށް ވެސް ބަދަލު ކުރެވިދާނެ އެވެ. އަދި މައްސަލައިގެ ބޮޑު ކުޑަމިނަށް ބަލާފަ ސީދާ ވަޒީފާއިން ވަކި ވެސް ކުރެވިދާނެ އެވެ.

ވަޒީފާ އަދާ ކުރާ އަންހެނުންނާއި އަދި ވަޒީފާ ހޯދުމަށް އަންނަ އަންހެން ކުދިންނަށް ދިމާވާ ޖިންސީ ފުރައްސާތަކާ ގޯނާ ކުރުންތަކާ ގުޅިގެން، އޮފީސް މާހައުލުގައި ކޮށްގެން ނުވާނެ ގިނަ ކަންތައްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ވަޒީފާއެއް ލިބޭނީ ވަޒީފާ ދޭ ފާރާތުން ހިންގާ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ބަލައިގަނެގެން ކަމަށް ހީކުރެވޭ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށް އެ ބިލުގައި ވެއެވެ. އަދި ވަޒީފާ ދިނުމުގައި ބަލާ މިންގަނޑެއް ކަމަށް، ވަޒީފާއަށް އެދޭ ފަރާތައް އެއްވެސް މިންވަރަކަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށްވެސް ބިލްގައިވެ އެވެ. އަދި ޖިންސީ ފުރައްސާރަ ބަލައިގަންނަ މުވައްޒަފަކަށް ވަޒީފާގައި ދެމި ހުރުމާއި ވަޒީފާގެ ކުރި އެރުން ލިބޭނެ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށާއި ހަމަހަމަ ގޮތެއްގައި ހުރިހާ ފަރާތްތަކާ ދޭތެރޭގައި އަމަލުތައް ބަހައްޓަންވާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

މަރުކަޒުތަކުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ނާޖާއިޒް ފައިދާ ނަގައިގެން އެ މީހުނަށް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާން ކުރެ އެވެ. އެގޮތުން މަރުކަޒުތަކުގައި ބަލަހައްޓަމުންދާ ކުޑަކުދިންނާއި މުސްކުޅިންނާއި ނުކުޅެދޭ މީހުންގެ އިތުރުން އެހެން ބަޔަކަށް ވެސް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލަކީ، ރައީސް ވަހީދުގެ ސަރުކަރުގެ ފަރާތުން، މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.