17 Apr 2014, 15:29
މިފްކޯގެ ތިން ކުންފުނި ކަމަށްވާ މިފްކޯ މަސްފިހާރައާއި ފެލިވަރު މަސް އަދި ކޫއްޑޫ މަސްފިހާރަ ގުޅިގެން ރޯދަ މަހުގައި މަހުގެ ބާވަތްތަށް އެއްތަނަކުން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.
އެކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މިފްކޯގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބުން ޔާމިން ވިދާޅުވީ، ރައްޔިތުންނަށް ފަސޭހަ ކަމާ އެކު މަހުގެ ބާވަތްތަށް ފޯރުކޮށްދިނުމަށް އެ ތިން ކުންފުނި ގުޅިގެން މަސައްކަތް ކުރަން ނިންމަވާފައި ވާކަމަށެވެ.
އެގޮތުން އެ ތިން ކުންފުނިން އުފައްދާ "ފަސްމީރު" ދަޅުމަހާއި "ސުފްރާ" ދަޅުމަހުގެ އިތުރުން "ފެލިވަރު" ދަޅުމަހުގެ ބާވަތްތަށް އެ ތިންކުންފުނިން އެކުގައި މާކެޓަށް ނެރުމަށް ވަނީ ނިންމައިފައެވެ. އަދި އެ ހުރިހާ ދަޅުމަހުގެ ބާވަތްތަށްވެސް މެއިމަހުން ފެށިގެން މިފްކޯ މަސްފިހާރައާއި އެ ތިންކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ބުން ޔާމިން ވިދާޅުވި އެވެ.
ދަޅުމަހުގެ ބާވަތްތަކުގެ އިތުރުން ތާޒާ ކަނޑުމަހާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ އެކި ބާވަތްތަށް އެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށާއި ހުޅުމާލެ އަދި ކާނިވަލުގައި ހުންނަ މިފްކޯގެ ފިހާރައިން އެ ހުރިހާ ބާވަތްތަށް ލިބެން ހުންނާނެކަމަށް ވެސް މިފްކޯއިން ބުންޏެވެ. އަދި އައްޑޫގައި ހުންނަ އައިސްޕްލާންޓް ކައިރީގައިވެސް މަހުގެ ބާވަތްތަށް ވިއްކުމުގެ އިންތިޒާމް ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ.
މިގޮތަށް ތިން ކުންފުނީގެ އުފެއްދުންތަށް އެއްތަނަކުން ލިބެން ހުރި ކަމުގައި ވިޔަސް ޕްރޮޑަކްޓްތަކުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށާއި ހޯލްސޭލް އަށް ހާއްސަ ޑިސްކައުންޓެއް ދެއްވާނޭ ކަމަށް އެ ތިންކުންފުނީގެ ފަރާތުންވެސް ވަނީ ބުނެފަ އެވެ.