ފޮޓޯ އެކޮޅުކޮޅުން ޖަހާ މައްސަލައިގައި އަޅާނެ ހަރުކަށި ފިޔަވަޅެއް ނޭނގޭ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

ދިއެފްއެމް ޕްލަސްގެ ފޮޓޯ ގޮޅީގައި ފޮޓޯ އެކޮޅު ކޮޅުން ޖަހާ މައްސަލައާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތްދީ އިންޒާރު ދިނުމުން ވެސް އެކަން އިސްލާހުކޮށްފައިނުވާތީ ދެން އަޅާނެ ހަރުކަށި ފިޔަވަޅަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ބްރޯޑްކާސްޓިން އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ، އެބޭފުޅުން ތިއްބެވީ ދެން އަޅާނެ ހަރުކަށި ފިޔަވަޅަކީ ކޮބައިތޯ ބަލަން ނޫން ކަމަށާއި އަޅާނެ ހަރުކަށި ފިޔަވަޅެއް ނޭނގޭތީ ކަމަށެވެ.

"ދެން އަޅާނެ ހަރުކަށި ފިޔަވަޅަކީ ކޮބައިތޯ ބަލާކަށް ނޫން އަޅުގަނޑުމެން މިތިބީކީ. އަޅުގަނޑަކަށް ނޭނގޭ އަޅާނެ ހަރުކަށި ފިޔަވަޅެއް ވެސް،" ޝަހީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރުވީމާ އަނެއްކާވެސް ވާހަކަދެއްކުމަށްފަހު އިޖުރާތުގައި އޮންނަ ގޮތަށް އެކަން ކުރިއަށްގެންދާނީ ކަމަށެވެ.

ދިއެފްއެމް ޕްލަސްގެ ފޮޓޯ ގޮޅީގެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ނަސޭހަތް ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެކި ޗެނަލްތަކުން ބައެއް މުއައްސަސާތަކުގެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް އެބޭފުޅުންގެ ފޮޓޯތައް ބޭނުން ކުރަމުންދާ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު 31 އަދި މިއަހަރުގެ ފެބުރުއަރީ 13 ވަނަ ދުވަހު ވަނީ ހުރިހާ ބްރޯޑްކާސްޓަރުންނަށް އެކަން ނުކުރުމަށް އަންގައި ނަސޭހަތްތެރިވެފަ އެވެ.

ދިއެފްއެމް ޕްލަސް އިން ފޮޓޯ އެކޮޅުކޮޅުން ބޭނުން ކުރާ މައްސަލައިގައި ވަނީ އެކަން ނުކުރުމަށް މިއަހަރުގެ ފެބުރުއަރީ 12، 13ގައި ވެސް ނަސޭހަތް ތެރިވެފަ އެވެ. އަދި ހަމަ މާޗް މަހުގެ 19 ވަނަ ދުވަހު ވެސް ވަނީ އެކަން ނުކުރުމަށް އެފަރާތަށް އަންގާފަ އެވެ. މީގެ އިތުރުން ވެސް މިމަހުގެ އެއް ވަނަ ދުވަހާއި 13 ވަނަ ދުވަހު ވެސް ވަނީ އެކަން ނުކުރުމަށް އަންގާފަ އެވެ. އަދި އެފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް ވަނީ ކޮމިޝަނުގެ ރައީސް ޝަހީބްގެ ފޮޓޯ ފޮޓޯ ގޮޅީގައި އެކޮޅު ކޮޅުން އަރުވައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ މައްސަލަ ވެސް މިހާރު ބަލަމުން އަންނަ ކަމަށެވެ.

ޝަހީބް ވިދާޅުވީ ބްރޯޑް ކާސްޓިން ކޮމިޝަނުން ބްރޯޑް ކާސްޓަރުންނަށް ލައިސަންސް ދޫކުރި ނަމަވެސް އެ ލައިސަންސް ބާތިލު ކުރުމުގެ ބާރެއް އެކޮމިޝަނަށް ލިބިގެންނުވާ ކަމަށެވެ. އެކަން ކުރުމުގެ އިޚުތިޔާރު އޮންނާނީ ކޯޓުމަރުހަލާއިން ކަމަށް ޝަހީބް ވިދާޅުވި އެވެ.