17 Apr 2014, 14:30
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަން ރަނގަޅުވެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގު ދަށަށް ހިނގައްޖެއެވެ.
މާލޭ ބާޒާރުގައި ލިބެންހުރި މަހުގެ އަގުތަކަށް ބަލާއިރު، ބަދިގެ ތަކުގައި އެންމެ ގިނައިން ބޭނުންކުރާ ކަންނެލީގެ އަގު މިއަދު ވަނީ، މީގެ ހަފްތާއެއްގެ ކުރިއާ އަޅާ ބަލާއިރު ގާތްކަނޑަކަށް ކިލޯއަކުން 10ރ. ދައްވެފަ އެވެ. އެގޮތުން ކުރިން 40ރ. އަށް ލިބުނު ބޮޑު ކަންނެލި ކިލޯއެއް މިއަދު ބާޒާރުން ލިބެން ކިލޯއެއް 30ރ. އަށެވެ. އަދި ކުދި ކަންނެލީގެ އަގު ހުރީ، 100ރ. އާއި 130ރ. އާ ދެމެދުގަ އެވެ.
ބާޒާރުގައި ކަނޑުމަހުގެ އަގަށް ބަލާއިރު، ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ މަހެއް ލިބެނީ 130ރ. އަށެވެ. ރާގޮނޑީގެ އަގު 25ރ. އާއި 30ރ. އާއި ދެމެދުގައި ހުރިއިރު، ލައްޓިއެއްގެ އަގު އުޅެނީ 40ރ. އަށެވެ.
ކަނޑުމަހުގެ ބާވަތްތަކުގެ އަގު ދަށްވެފައި ވީނަމަވެސް މަސްވެރިކަން ދަށްވުމުގެ ސަބަބުން މުށިމަހުގެ އަގުވަނީ ކުރިޔަށްވުރެ ބޮޑުވެފައެވެ. އެގޮތުން މުށިމަހުގެ އަގު އުޅެނީ 20ރ. އަށް ހަތަރު މަހުގެ ރޭޓްގައެވެ.
ފަރުމަހުގެ ބާވަތްތަކުގެ ތެރެއިން ރަތްމަހުގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހުރިއިރު އާދައިގެ މުޑަ ހަންޖެއްގެ އަގު އުޅެނީ، 60ރ. އަށެވެ. އަދި ބޯވައިގެ އަގުތައް ހުރީ 150ރ. އާއި 100ރ އާ ދެމެދުގަ އެވެ.
މާރުކޭޓުގައި ތިބޭ ބައެއް މަސްވެރިން ބުނާގޮތުން މިދުވަސްވަރު، މަސްވެރިކަން އާދައިގެ ވަރަކަށް ރަނގަޅެވެ.