ޔުނިވާސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް ނަގާ އިނގިރޭސި ޓެސްޓު ނެގުމުގެ ސިޔާސަތަށް ގައުމީ ޔުނިވާސިޓީން ބަދަލުތަކެއް ގެނެސްފަ އެވެ. ޔުނިވާސިޓީން އެ ގޮތަށް ބަދަލުތަކެއް ގެނައީ ޔުނިވާސިޓީ އަށް ދަރިވަރުން ވެއްދުމުގެ އާ ސިޔާސަތުގެ ދަށުންނެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޔުނިވާސިޓީގެ ރެޖިސްޓްރާ އައިޝަތު އަލީ ވިދާޅުވީ، ކޯހަށް ފޯމް ހުށަހަޅާ ފަހުން ނަގަމުން އަންނަ އިނގިރޭސި ޓެސްޓް މިހާރު ނެގުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހެޅުމުގެ ކުރިން ކަމަށެވެ. އަދި އެ އިމްތިހާނުގެ ނަތީޖާ ކޯހަށް ވަނުމަށް ހުށަހަޅަންޖެހޭ ފޯމާ އެކުގައި ހުށަހަޅަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ދެ ވަނަ ޓާމުގެ ކޯސްތަކަށް އިއުލާން ކުރުމާއި ޔުނިވާސިޓީއަށް ދަރިވަރުން ވެއްދުމުގެ އާ ސިޔާސަތާއި ދެމެދު އެކަށީގެންވާ މުއްދަތެއް ނެތުމުން އެޑްމިޝަން ތާރީހުގައި އެ އިނގިރޭސި އިމްތިހާން ނަގަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ޓާމްތަކުގައި މަދުވެގެން އަހަރަކު ދެ ފަހަރު އިނގިރޭސި އިމްތިހާނެއް އޮންނާނެ ކަމަށެވެ.

"މިފަހަރު އިނގިރޭސި އިމްތިހާން އެޑްމިޝަން ޕީރިއަޑް ތެރެއަށް ލާފައިވުމާއި އެކު، އެފަރާތްތަކުން އެބަ މަޑުކޮށްލަންޖެހޭ އެ ޓެސްޓުގެ ނަތީޖާ އާއި އެކު ފޯމްތައް ލާން. ޑިސިޝަންއެއް ނެގޭކަށް ނޯންނާނެ ހުރިހާ ޝަރުތުތަކެއް ހަމަ ނުވާ ކަމަށް ވެއްޖެއްޔާ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ފަރާތަކަށްވެސް އެއް އިންޓޭކެއްގައި އެއް ފޯމަކުން ތިން ކޯހަކަށް ހުށަހެޅޭނެ ގޮތަސްވެސް ގައުމީ ޔުނިވާސިޓީއަށް ދަރިވަރުން ވެއްދުމުގެ އާ ސިޔާސަތުގެ ދަށުން ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން ހުށަހަޅާ ފޯމުގައި ކޯސްތައް ބޭނުންވާ ތަރުތީބުން ލިޔަންޖެހޭއިރު، ޖާގަ އޮތް ވަރަކުން ލިޔެފައިވާ ތަރުތީބުން ފުރުސަތު ލިބިގެންދާނެ ކަމަށާއި އެއްވެސް ކޯހަކުން ޖާގަ ލިބިއްޖެނަމަ އެ ފޯމުގައި ހުށަހެޅޭ އެހެން އެޕްލިކޭޝަންތައް ބާތިލުވާނެ ކަމަށް ޔުނިވާސިޓީން މައުލޫމާތު ދެ އެވެ.